މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް މިއަދު އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.
މިމައްސަލައާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އޮޅުވާލައިގެން އެ ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް އާންމު ރައްޔިތުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކު ފޮނުވައިގެން ފައިސާ ދައްކަން މެސެޖު ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ކޯޕަރޭޝަންގެ ފަރާތުން އެއް ފަރާތަކަށް ގުޅައި، ނުވަތަ މެސެޖުކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރާކަށް ނާންގާނެ،" އެ ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހިދުމަތްތަކަށް ފައިސާ ޖަމާ ކުރަން އަންގާނީ އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައިހުރި ރަސްމީ ބޭންކު އެކައުންޓްތަކަށް ކަމަށެވެ.
އޮޅުވާލައިގެން މިފަދަ ގޮތްގޮތަށް ފައިސާ ހޯދަން ކުރާ މެސެޖުތަކާއި ފޮނުވާ ލިންކުތަކަށް ސަމާލުވެ، އެ ފަދަ ލިންކުތަކަށް ނުފިތުމަށާއި އެ ފަދަ މެސެޖެއް، ނުވަތަ ކޯލެއް އައިސްފި ނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ވެސް ހައްޖު ކޯޕަރޭޝަނުން އެދިފައިވެ އެވެ.
ކޮމެންޓް