ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. ޅައިމަގުގައި ސެލްފް ސާވިސް ބޭންކިން (އޭޓީއެމް) ހުޅުވައި ހިދުމަތްދޭން ފަށްޓައިފި އެވެ.
ޅައިމަގުގައި މި ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޅައިމަގުގައި އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު އާދަމް ޝަރީފު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
އޭޓީއެމްގެ މިއަދު ހެނދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އެ ގޮތުން ސަރުކާރުގެ އެކި އިދާރާ ތަކާއި، ކުންފުނިތަކާ ގުޅިގެން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
ކޮމެންޓް