ދިވެހީންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ވާދަ ކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން ފަށައިފި އެވެ.
މިމަހު 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި މައިގަނޑު 15 ދާއިރާއަކުން 83 ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މައުރަޒަށް ތަކެތި ބަލައިގަތުމުގެ ފުރަތަމަ މަރުހަލާގައި އަތްތެރި މަސައްކަތާއި އެހެނިހެން ބައި ތަކުގެ އުފެއްދުންތައް ބަލައިގަންނަނީ މި މަހު 10 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށެވެ.
އަދި 14 ވަނަ ދުވަހުން 15 ވަނަ ދުވަހަށް މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ އެފެއްދުންތައް ބަލައި ގަންނައިރު 15 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށް ބަލައިގަންނަނީ ޓެކްނޮލޮޖީ އުފެއްދުން ތަކާއި ކާބޯތަކެތީގެ އުފެއްދުން ތަކެވެ.
މި ތަކެތި ބަލައިގަންނަމުން ދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒު އިންތިޒާމްކޮށް، ހިންގުމަށް ހަމަޖެހިފައިވަނީ އިގުތިސާދީ ތަރައްގީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
ކޮމެންޓް