އާއިލާގައި މަންމާފުޅު، އަދާކުރެއްވި ދައުރާއި ދެއްވި ހަރުދަނާ ތަރުބިއްޔަތަކީ ނަމޫނާއެއް ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
"އަންހެންވެރީންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާދަމް ޝަރީފް ވިދާޅުވީ، އެ މަނިކުފާނުގެ ބައްޕާފުޅުކީ ވެސް ވަރަށް ހަރުދަނާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ކަންދިމާވި ގޮތުން ގިނަ ފަހަރު ބައްޕާފުޅަށް ހުންނަވަން ޖެހެނީ ކޮންމެވެސް ކަމެއްގައި، ރަށުން ބޭރުގައި ކަމަށް ވުމުން، އާއިލާގެ ހުރިހައި ކަމެއް ބަލަހައްޓަވައި ހެއްދެވީ މަންމާފުޅު ކަމަށެވެ. އަދި އެންމެން ތަރުބިއްޔަތު ކުރެއްވުމުގައި މަންމާފުޅު އަދާ ކުރައްވައިފައި ވަނީ ހަރުދަނާ އަދި ނަމޫނާ ދައުރެއް ކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ގައުމުގެ ތަރައްގީގައި އަންހެނުން އަދާ ކުރަމުން ދަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވިދާޅުވި އެވެ. އަދި އަންހެނުން ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުމަށް ރައީސް ޑރ. މުއިއްޒު، ފައްޓަވައިފައިވާ ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކަށް އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
މިއަދު ފެށި އަންހެނުންގެ ސައްލާގައި، ކުލަސްޓާ 3 ގައި ހިމެނޭ އަތޮޅުތައް ކަމުގައިވާ، މާލެއަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެންބަރުންގެ ތެރެއިން 59 ބޭފުޅަކު ބައިވެރިވެފައި ވެއެވެ.
މި ސައްލާ މާދަމާގެ ނިއަލަށް ކުރިއަށް ދާނެ އެވެ.
ކޮމެންޓް