މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެންކުއްޖާއާއެކު އުޅުނު، ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21، ގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ރައުދު ހައްޔަރުކުރީ އަންހެން މީހާ ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވޭތީ އެވެ. އަދި އެ ކުއްޖާ ވެއްޓުނުކަން އެނގިހުރެ، ކަމާބެހޭ ފަރާތް ތަކަށް ނާންގައި އެތަން ދޫކޮށްދިއުމާއި ޖިންސީ ގޯނާގެ ތުހުމަތާއި މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެއެވެ.
ފުލުހުން ބުނީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު، ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ބުރީގެ ކުޑަދޮރަކުން ވެއްޓުނީ ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނާ ރަޝީދު، 21، އެވެ. އޭނާ ވެއްޓީފައި އޮތީ އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ.
ޔުމްނު ރަޝީދު، ބާއްވާފައި އޮތީ ވެންޓިލޭޓަރުގަ އެވެ. އެކަމަކު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. ނަމަވެސް އަދިވެސް ވާހަކައެއް ނުދެއްކެ އެވެ.
ކޮމެންޓް