މިހާރު ހިނގަމުންދާ "އޮފީސް ލީގު 2025" ފުޓްސަލް މުބާރާތުގައި ފެނަކާއާއެކު، ކުލަބް އެމްސީއެލްޕީ ބައްދަލުކުރާ މެޗު މިރޭ 8.30 ގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ އެމްސީއެލްޕީއާއި، ފެނަކަ ރެކްރިއޭޝަން ކުލަބު ވެސް މި މުބާރާތުގައި ކުޅޭ 2 ވަނަ މެޗެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ނުކުންނަ އިރު، މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ، ފަސޭހަ ކަމާއެކު މޯލްޑިވްސް އިސްލާމިކް ބޭންކް ބަލިކޮށްފަ އެވެ. ފެނަކަ، އިސްލާމިކް ބޭންކުގެ މައްޗަށް ކުރި ހޯދީ 5 ލަނޑު 0 ލަނޑުންނެވެ. އެމްސީއެލްޕީ، އިސްލާމިކް ބޭންކުގެ ޓީމު ބަލިކުރީ 2 ލަނޑު 0 ލަނޑުންނެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު މި ދޭ ޓީމަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ގުރޫޕުގެ 1 ވަނާގައި މި ވަގުތު އޮތީ ފެނަކަ ރެކްރިއޭޝަން ކުލަބެވެ.
ކުލަބް އެމްސީއެލްޕީ އޮތީ ގުރޫޕުގެ 2 ވަނާގައެވެ. ގުރޫޕުގެ 3 ވަނާގައި އޮތް އެމްއައިބީއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން ކޮންމެ ޓީމަކަށް ވެސް މުބާރާތުގެ ނުކައުޓް ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. މިރޭ ބަލިވާ ޓީމަށް ނުކައުޓް ބުރުން ޖާގައެއް ލިބޭނީ ގުރޫޕުގެ ފުލުގައި އޮތް އެމްއައިބީއާ އިތުރު މެޗެއް ކުޅެ މޮޅުވެގެންނެވެ.
ކޮމެންޓް