ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގް ސްކޮލާޝިޕާ ގުޅޭ މައުލޫމާތު މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން ނިންމައިފި އެވެ.
ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތް ތަކަށް ހާއްސަކޮށްގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށެވެ.
މި ސެޝަންގައި އެ ސްކޮލާޝިޕް ތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދޭނެ އެވެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަނެއް، ހަމަ އެ ދުވަހުގެ 13:00 އިން 14:00 އަށް ބޭއްވުމަށް ވެސް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތް ތަކުން އެ ސެޝަނަށް ރަޖިސްޓާ ވުމަށް އެދި training@stelco.com.mv އީމެއިލް ފޮނުވުމުން، މީޓިން ލިންކު ހިއްސާ ކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ސްކޮލާޝިޕް" ގެ ދަށުން އިނގިރޭސި ވިލާތުގައި ބެޗުލާސް ޑިގްރީއަށް ކިޔެވުމަށް ތިން ފުރުސަތު ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ ޖާގަ އާއި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެއް ޖާގަ އެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ މި ފުރުސަތުގެ ދަށުން ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ވިސާ ފީ އާއި ކޯސްފީ އާއި ސްޓައިޕަންޑާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސުގެ އިތުރުން އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެ ކަމަށެވެ.
ސްކޮލާޝިޕްގެ ޝަރުތު ތަކުގެ ތެރޭގައި އުމުރުން 24 އަހަރު ފުރިފައި ނުވުމާއި، ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓާ ސައިންސް ހިމެނޭހެން އޭލެވެލް އިމްތިހާނުގެ ތިން މާއްދާއަކުން "އޭ ސްޓާ" ހާސިލްކޮށްފައިވުން ހިމެނެ އެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ މި ކޯސް ފުރިހަމަ ކުރުމަށްފަހު، ހިދުމަތް ކުރަން ޖެހޭނީ އެ ކުންފުޏަށް ކަމަށެވެ. އަދި މި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓާންޝިޕް ހަދަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް