އިސްތިއުނާފު ޝަރީއަތް ނިމެންދެން މަފާޒް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

---

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު މަފާޒު ހުސައިން ސަލީމް، ހައިކޯޓުގެ އިސްތިއުނާފީ މައްސަލަ ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މާރާމާރީގެ ގިނަ މައްސަލަތަކެއްގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މަފާޒު އެންމެފަހުން ބަންދުން ދޫކޮށްލާފައިވަނީ މި އަހަރުގެ މާޗް 6 ވަނަ ދުވަހުގައެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްފައިވަނީ މިހާރު ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ސާބިތުވިނަމަވެސް ހުކުމަށް އަންނާނެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނާނެތީއެވެ.

އެހެންނަމަވެސް ދައުލަތުން މީގެ ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން މަފާޒު ދޫކުރި އަމުރުން ވެސް އޭނާއަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހެއްކަމައި އެ ހަލާތު އަދި ވެސް ވުޖޫދުގައި އޮތް ކަން އެނގޭ ކަމަށެވެ.

މަފާޒުގެ މައްޗަށް ކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.

މަފާޒުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި 2022 ވަނަ އަހަރު ނޮވެމްބަރު 2022 ގައެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދައުލަތުން އެދިފައިވާ ގޮތަށް މަފާޒު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން މިއަދު އަމުރު ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުން ނެރުނު އަމުރުގައި މަފާޒު ބަންދުން ދޫވި ފަހުން ތިން ފަހަރު މަތިން ހައްޔަރުކުރި ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލަ އާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން މައްސަލަތައް ހިމެނެއެވެ. ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 2 މައްސަލައެއްގައި މަފާޒުގެ މައްޗަށް ދައުލަތުން ދައުވާކޮށް އެ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

---

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy