ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ —

ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެ ބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ މުދަލު ޒަކާތް އަދާ ކޮށްގެން ކަމަށް މިއަދުގެ ހުކުތު ހުތުބާގައި ބުނެފި އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގެ މައުލޫއަކީ، "ފަރުޟު ޒަކާތާއި އިގުތިސާދާ ހުރި ގުޅުން" މިއެވެ.

ހުތުބާގައި ބުނެފައި ވަނީ ފަގީރު ކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުން ވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށާއި އެހެން ކަމުން، ފަގީރު ކަމަކީ އަބުރުވެރި އިންސާނަކު، އޭނާ އާ ކުރިމަތިވާން އެދޭނޭ ހާލަތެއް ނޫން ކަމަށެވެ. އަދި މިހެން އޮތް ނަމަ ވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދޭނެ ގޮތެއްނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނިގޮތުގައި އެހެނަސް ކޮންމެ ކޮންމެ މީހަކު މި ފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައިނުދީފާނެ ކަމަށާއި އިސްލާމް ދީނުގައި ޝަރުއު ކުރައްވައިފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ.

މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ ކަމަށާއި އިންސާނާ އަކީ އެ މުދަލާ ހަވާލުވެގެން ހުރި މީހާ ކަން ފާހަގަކޮށް ހުތުބާގައި ބުނީ އެހެން ކަމުން މުދާ ހޭދަ ކުރާން ވާނީ އެ މުދާ ދެއްވި ފާރާތުން އެދިވޮޑިގަންނަވާ ގޮތަށް ކަމަށެވެ.

އިސްލާމް ދީނުގައި ޒަކާތް ފަރުޟު ކުރެއްވީ، ހަމައެކަނި ފަގީރުމީހާގެ ހާޖަތް ތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަމަށާއި އެ ކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާ ކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށާއި އޭގެ ސަބަބުން އުފެއްދުންތެރި ކަމުގެ މިންވަރު އިތުރު ވާނެ ކަމަށެވެ.

މީގެ އިތުރަށް، މުޖުތަމައުގެ ވަކި ބައެއްގެ އަތުގައި ފައިސާ ޖަމާކޮށް، ހަޒާނާކޮށް، އިގުތިސާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމަށާއި ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް، ތަނަވަސް ކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިގުތިސާދުގައި ދައުރު ކުރާ ފައިސާ އިތުރުވެ، އިގުތިސާދަށް އަންނަ ލޮޅުން ތަކުން ސަލާމަތް ކޮށްދީ ހަމައަކަށް އަޅުވައި ދިނުމުގެ އިތުރުން ފަރުދުންގެ ކިބައިގައި ތަނަވަސް ކަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

"މުސްލިމް އަހުންނޭވެ! ޒަކާތުގެ ޝަރުއީ މަގުސަދުތައް ހާސިލު ކުރެވޭނީ ތަނަވަސް ކަމުގެ އަހުލުވެރީން، އެ ބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެން، މި އުންމަތަކީ އެއް އުންމަތެއް، އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއް، އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް ތަނަވަސް ކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސް ކަމުން މިންވަރެއް ހޭދަ ކޮށްގެން ތިމާގެ މުސްލިމް އަޚާ އަށް އެހީތެރިވުން، ފަހެ، ތިޔަބައިމީހުން މާތްﷲ އަށް ބިރުވެތިވެ، އެ ކަލާނގެ ދެއްވި މުދަލުން ހޭދަ ކުރާށެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިހުސާންތެރި ކަމެއް ނޫން ކަމަށާއި އެއީ، މުއްސަނދީންގެ މުދަލުން ނަގައި، އޭގެ ހައްގު ވެރީންނަށް އަދާ ކުރާން ޖެހޭ ހައްގެއް ކަމަށެވެ. އަދި މުއްސަނދީންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައި މީހުންގެ ތަނަވަސްކަން ނިގުޅައިގަނެ، އެއުރެންގެ ހައްގު ތަކަށް އަރައިގަތުމެއް ނޫން ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ "މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށާއި ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު، ފިތުރު ޒަކާތް ދެއްކުމުން ފުދުނީ ކަމަށާއި ތިމާއަކީ ބޮޑު ވިޔަފާރިވެރިޔަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާން ނުޖެހޭނެ ކަމަށް ވެސް އަނެއް ބަޔަކު ދެކޭ ކަމަށެވެ.

"ހަމަ އެހެންމެ، މުދަލު ޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ، މި ފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލު ކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ، އިލްމުވެރީން ވިދާޅުވާ ގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވައިފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެ، ތާބިއީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައި ވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފި ނަމަ، ފަހެ، ތިބާގެ ކިބައިން އެ ކަމުގެ ޒިންމާ ކެނޑިގެން ހިނގައްޖެ އެވެ."  ފިގުހު ވެރީން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ، ޒަކާތުގެ ހައްގުވެރީން ކަނޑަ އެޅުމުގެ ޝަރުއީ އުސޫލު ތަކާއި، އެއުރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާ އަށް ކަމުގައި ވުމެވެ،" ހުތުބާގައި ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ހުތުބާ ނިންމާލާފައި ވަނީ ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވައިފައިވާ އިރު، ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތް ތަކަށް ޒަކާތް ދެއްކުމަށް ގޮވައިލަމުންނެވެ.

ކޮމެންޓް

team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

57 މިނިޓު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ގަޑިއިރު ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ގަޑިއިރު ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

14 ގަޑިއިރު ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

15 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

18 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

19 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

20 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

21 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

22 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

1 ދުވަސް ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy