ސަރުކާރުގެ އެހީގެ ދަށުން ގުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ނުވަ ރަށެއް ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ، މާތްﷲ ގެހެޔޮ ރަހުމަތްފުޅުން އަތޮޅު ތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމު ކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީ ތަކުގައި ގުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއު އަންނަ މަހުން ފަށައިގެން ކުރިއަށް ދާނެ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާފު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަމެވެ.
ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަހަރު ތަކެއް ވާންދެން ހުއްޓިފައިވާ ރަށްރަށް ފާހަގަކޮށް، ޝަހީމް ވިދާޅުވީ އެ ތަންތަނުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަށްރަށުގައި ގުރުއާން އަލަށް ކިޔަވައިދިނުމާއި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގާރީ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، ލ. އިސްދޫކަލައިދޫ، ހއ. އުތީމު، އަދި ދ. މީދޫ އެވެ.
"މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ފުވައްމުލަކުގައި ހިންގާ ގުރުއާން މަރުކަޒަށް، އެ ތަން ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް