މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރި ކުރުވުމަށް ޓަކައި ސިލްސިލާ އެވެއާނެސް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްއޭސީއެލުން ބުނީ ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެ ކުންފުނީގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑި ތަކަށް ވާސިލު ވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކަމަށެވެ.
އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައި ވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" ގެ މައުލޫ އަށެވެ.
މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތަކާއި އެ ފަދަ ކުނި މެނޭޖު ކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. މި ސެޝަން ނަންގަވައިދެއްވީ އެންވަޔަރަންމެންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ.
އެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތް ކުރުމުގައި ކުންފުނި ތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
އެމްއޭސީއެލް "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ހަކަތަ އާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ދާނެ އެވެ.
ކޮމެންޓް