އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެސް ލައިސަންސް ލިބޭނެ ކަމަށް ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް، މިއަދު ގެޒެޓް ކުރުމާއެކު، 60 އަހަރުން މަތީގެ މީހުން ވަކި ލައިސަންސެއް ނަގަންޖެހޭ ކަމަށް މީޑިއާގައި ރިޕޯޓު ކުރަމުން އަންނާތީ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަ ކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއް ވެސް އުމުރު ފުރައެއްގެ އެއް ވެސް ފަރާތަކަށް ހުރަހެއް ނެތް ކަމަށެވެ.
އިތުރު ތަފުސީލު ދެއްވަމުން އަމީން ވިދާޅުވި ގޮތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުންނެވެ.
މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ހާއްސަ ލައިސަންސެއް ދޫކުރުމުގެ އިހުތިޔާރު މިއަދު ގެޒެޓް ކުރި ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ ދެ ވަނަ އިސްލާހުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އެކަމަކު، މި ލައިސަންސް ބޭނުން ކޮށްގެން ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ހުންނަ ރަށެއްގަ އެވެ.
އަލަށް ގެނައި އިސްލާހު ތަކުގެ ތެރޭގައި ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެ ކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ޓްރާންސްޕޯޓު މިނިސްޓްރީން ނަގަންވާނެ އެވެ.
އަދި ވެހިކަލް އެތެރެ ކުރާއިރު، އެ އުޅަނދެއް ބާއްވާ ގަރާޖެއް، ގުދަނެއް ނުވަތަ ޝޯރޫމުގެ ހުއްދައިގެ ކޮޕީއެއް ހުށަހަޅަންޖެހެ އެވެ. މީގެ އިތުރުން އެ ތަނެއްގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން މިނިސްޓްރީން ނޫނީ މިނިސްޓްރީން ކަނޑައަޅައި ފަރާތަކުން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
މި އުސޫލުގައި އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގާއިރު، އެތެރެ ކުރާ އުޅަނދު ގުދަން ކުރުމަށް ހަމަޖައްސާފައިވާ ތަނުގެ ކޮޕީ ހުށަހަޅާން ޖެހޭ ބަޔަށް، އަމަލު ކުރަން ފަށަނީ މީގެ 90 ދުވަސް ފަހުންނެވެ.
ކޮމެންޓް