ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުމަށް، "ޖެނެރޭޝަނަލް ބޭން" ކަނޑައެޅުމާމެދު ގޮތެއް ނިންމުމަށް މި އަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަދުގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި އަދި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިން ގަޔަށް ނާރާ ބަލި ތަކުގައި މަރުވާ މީހުން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ އެހެން ސާވޭ އަކަށް ބަލާއިރު، 2021 ވަނަ އަހަރު ހެދި ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ގުޅޭ ސާވޭ އިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 ޕަސެންޓް ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުން ކަމަށެވެ.
އަދި މުޅި ދުނިޔޭގައި ހެދުނު ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާ ގޮތުން ސުކޫލު އުމުރުފުރާގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ބާވަތެއްގެ ނިކޮޓިނެއް ބޭނުން ކުރާ ކުދިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އާބާދީ އަކީ މި ވަގުތު 411،741 ދިވެހިން ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ވީމަ މި 411،741 ދިވެހިންގެ ތެރެއިން 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައި ތިބި މިހާތަނަށް މަރުވެފަ ތިބި މީހުން އުނިކޮށްފަ ބަލާއިރުގައި އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގެ މި ވަގުތުގެ އާބާދީގެ 30.1 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމަ އަކަށް ނުހެދުމަށް ޓަކައި މަޝްވަރާ ކޮށްގެން ގޮތެއް ނިންމަވާނެ ކަމަށެވެ.
ދުންފަތާ ދުރު ކުރުމަށް އެކަށައަޅާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުށަހެޅުއްވުންތައް އާންމުކޮށް ވަނީ ހިއްސާ ކުރައްވާފަ އެވެ.
ޖެނެރޭޝަނަލް ބޭން، ކަނޑައެޅުމުގައި ރައީސް ހުށައަޅުއްވާ ގޮތްތައް:
2007ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން
2004ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން
2000ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން
ކޮމެންޓް