ހިޔާގެ ހުރިހާ ފުލެޓެއްގައި އިތުރު ލިފްޓް ހަރުކޮށް، ނިންމައި، މި އަހަރުގެ ނޮވެމްބަރު މަހު ބޭނުން ކުރާން ފެށޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހިޔާ ޓަވަރު 1،2،3 ގައި އިތުރު ދެ ލިފްޓް ހަރުކޮށް ނިންމައި މިއަދު ވަނީ ނޫސްވެރިންނަށް އެ ލިފްޓްތައް ދައްކާލާފަ އެވެ. އެޗްޑީސީން ބުނީ އެ ލިފްޓްތައް އަންނަ މަހު 12 ވަނަ ދުވަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ.
ހިޔާގެ ކޮންމެ ފުލެޓަކަށް ދެ ލިފްޓް އިތުރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމުލަ 32 ލިފްޓެވެ.
އެޗްޑީސީން ބުނީ ލިފްޓްތައް ހަރުކޮށް ނިމުމުން ހިޔާ ފްލެޓްތަކުގެ ލިފްޓަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗާ އެރުވޭ ގޮތަށް ހުންނަ ލިފްޓު ތަކެކެވެ.
މުޅިއެކު 14 މީހުންގެ ޖާގައިގެ މި ލިފްޓުތައް ފަރުމާ ކޮށްފައިވަނީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށެވެ.
ކޮމެންޓް