ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރު ކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާން ވެސް ރަނގަޅު ކުރެވޭނޭ ކަމަށް ރައީސް ޑރ. ވިދާޅުވެއްޖެ އެވެ.
"އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅުވައިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ އެއްބައިވަންތަ ކަމާއި ބާރުވެރި ކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.
މި އަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" ގައި އިޝާރާތް ކުރާ އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއްއުއި ޝިއާރެއްކަން އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.
މި ފުރުސަތުތައް ކަށަވަރު ކޮށްދެއްވުމުގެ އަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލު ކޮށްލާ ފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރެއްވި އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމު ކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރު ކުރަން ބާރު ލިބި، އިޖުތިމާއީ ގުޅުންތައް ވެސް ހަރުދަނާ ވުމަށް، މިކަމުން މަގުފަހިވެގެންދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ކުޅިވަރު ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތް ތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތު ތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށްގެންދެވޭނެ އެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ އެވެ.
ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރު ކުރުމުގެ ލާސާނީ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނުގެ މެސެޖުގައި ވަނީ، ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތް ތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ކޮމެންޓް