މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަނިކޮށް، ސާންތީ ނިޔާވީ މިރޭގެ ވަގުތެއްގަ އެވެ.
ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދިން ކޯޗެކެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި ސާންތީގެ ދައުރު ބޮޑެވެ. އޭރު އޭނާ ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗަށެވެ.
ސާންތީ ނިޔާވުމާ ގުޅުވައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަދި މަރުހޫމް ސާންތީގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.
ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ވެސް ރާއްޖެ ފަހުރުވެރިވާ ހިދުމަތް ތަކެއް ގައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއް ކަމަށެވެ.
"ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން، މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި، އާމީން،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސާންތީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ދެތިން އަހަރު ވެދާނެ އެވެ.
ސާންތީގެ ޖަނާޒާ ބޭއްވުމަށް ނިންމާފައި ވަނީ މާދަމާ މެންދުރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގަ އެވެ.
ކޮމެންޓް