ސަރުކާރުން އަމާޒުކޮށްފައިވާ ގޮތަށް ބަލި މީހުންނަށް ބޭނުންވާ ބޭސްތައް އިތުރު ތަކުލީފަކާ ނުލާ ފާމަސީީތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ
މިކަމަށް ޓަކައި ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަޒީރު އަބުދުﷲ ނާޒިމް އިބްރާހިމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭވަޒީރު ޑރ. އާއިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އާސަންދަ އަދި އެންސްޕާއިން ވަނީ ބައިވެރިވެފަ އެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އަދި ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުގެ މާކެޓް ތަކުން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ކުރެވެން ހުރި މަސައްކަތް ތަކާއި، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެ ކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެ ނިޒާމުގެ ތެރެއިން ގެނެވޭ ބޭސް ތަކާއި ގުޅޭ ގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.
މި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަނީ ހެލްތް މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި އެންސްޕާ އަދި އާސަންދަ ގުޅިގެންނެވެ.
ކޮމެންޓް