ފުލުހުން ހިންގާ ތަހުގީގު ތަކަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި އެކަން ކުރާ ނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރީން ތިބޭނީ ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މަގާމުން ވަކި ކުރުމަށް އެމްޑީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވަމުން ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި މިވީ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލާން ފަށާފައިވާ ކަމަށެވެ. އަދި، ކުރީ ސަރުކާރުގައި ހިނގާފައިވާ ކަންކަން ވެސް ފުލުހުންގެ ތެރޭގައި ބަލާނީ ހަމަ އެހެން މައްސަލަތަކާ އެއްގޮތަށް ކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ފުލުހުންނަށް ނުފޫޒު ފޯރުވާނަމަ އެހެން އެކަން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ މިހާރު ޖަލުގައި." އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކަންކަން ބަލަހައްޓަން އެކްސްޕެޓް ސިސްޓަމެއް ހަދަން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހައްވާލުކުރި މައްސަލައަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އެ އެއްބަސްވުން ފުރަތަމަ ހަދައި ސެޓްލްމެންޓް ހެދުމާ ހަމައަށް ގެންގޮސްފައި ވަނީ ކުރީ ސަރުކާރުގެ ތެރެއިން ކަމަށެވެ.
އެގޮތުން ވިދާޅުވީ މިހާރު ބޭނުން ކުރާ އެކްސްޕެޓް ސިސްޓަމަކީ 2012 ވަނަ އަހަރުން ފަށައިގެން މިނިސްޓްރީ ތަކުން މުވައްޒަފުން ނަގައިގެން ތަރައްގީ ކުރަމުން އައި ނިޒާމެއް ކަމަށާއި މިއަދާ ހަމައަށް ވެސް އެ ސިސްޓަމް މުޅީން ނިމިފައި ނުވާއިރު، އެ ކަމުގެ ސަބަބުން ބިދޭސީންނާ ގުޅޭ ފީތަކުން ނުލިބި ހުރި ފައިސާތައް ނެގުމަށް ދަތިވާ ކަމަށެވެ.
"އާ ސިސްޓަމް ގާއިމުވީމަ އެ ފައިސާ ހޯދުމަށް ފަސޭހަވެ، އެ ގޮތުން ލިބޭ އާމްދަނީ އިތުރުވާނެ، މިބޭފުޅުން މި ވިދާޅުވަނީ ދައުލަތަށް 400 މިލިއަން ރުފިޔާ ގެއްލުންވެއޭ، އަޅުގަނޑު މި ބުނަނީ ދައުލަތަށް 800 އެތައް މިލިއަން ރުފިޔާއެއް އިތުރު ވާނެއޭ" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ސިސްޓަމްގެ މައްސަލައިގައި ހަދާފައިވާ އެއްބަސްވުމަށް އިހުމާލުވެފައިވާތީ، ކުރީ ސަރުކާރުގައި އެކަމާ ހަވާލުވެގެން ތިބި ވެރީންގެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
ކޮމެންޓް