ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލު ކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބަނޑިދޫއަށް ވަޑައިގެން ދެއްކެވި ވާހަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތި ކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަހައްދަކަށް ބަދަލު ކުރަން ދަތިވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
އެގޮތުން އެމަނިކުފާނު ވަނީ ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަހައްދަކަށް ބަދަލު ކުރެވޭނޭގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުން ކުރާ ގޮތުގެ ޕްލޭން މުރާޖައާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަ ޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބަނޑިދޫ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ބޭކާރު ހަރަދެއް ނޫން ކަމަށާއި، ދުރު ރާސްތާ އަށް ބަލާއިރު ވެސް، އެ މަސައްކަތް ވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނަ އަކަށް ކަމަށެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާއަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން ބަނޑިދޫގެ ސުކޫލާއި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލު ކުރެވިފައިވާކަމަށާއި، ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް