ރަސްފަންނާއި ސަލްޓަން ޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ކުރެއްވި އެކްސް ޕޯށްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށާއި ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
"މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތް ތަކެއް ކުރާނެ ކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށް ޓަކައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އަދި ހަގު ދަރިކަލުން މިއަދު ހެނދުނު ވަނީ ރަސްފަންނަށް ޒިޔާރަތް ކުރައްވާފަ އެވެ.
ކޮމެންޓް