ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފުތަރާމެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް އެ ޕާޓީން މިއަދު އެދެފި އެވެ.
ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަޝިޕް ޑްރައިވް" އަށް ފަހު، ޕާޓީގެ ދަފުތަރާމެދު ބައެއް ޝަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން ޝަކުވާ ހުށަހަޅަން އޭޕްރީލް 13 ވަނަ ދުވަހު އާންމުކޮށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލާން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ދަފުތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން އިލެކްޝަނުން އާންމުކޮށްފައިވާ ސިޔާސީ ޕާޓީ ތަކުގެ ދަފުތަރުގައި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތުމާއި ނުވަތަ ނުހިމެނި އޮތުމާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ އެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީ ތަކަށް އޭޕްރިލް 13 ވާ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން ހުށަހެޅުމަށް އެދިފައިވެ އެވެ.
ހުށަހަޅައި އެ ފަދަ ޝަކުވާތަކާ މެދު ބަލާން ޖެހޭ އެންމެހާ ކަންކަން ބަލައި، އަޅާން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅަމުންދާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލަތަކެއް ވަނީ ތިލަވެފަ އެވެ. މި މައްސަލަ ފެންމަތިވުމާއެކު އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުމުގެ ބަސްތައް އެ ޕާޓީއަށާއި ސަރުކާރަށް އަމާޒުވި އެވެ.
ކޮމެންޓް