އަމާޒަކީ، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރުން ކަމަށާއި މި އަމާޒު ހާސިލު ކުރުމަށް ޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށް ހަމަޖެހިފައި އޮތް އިރު، މި ކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލް ތަކަށް ވެސް، ގައުމީ އެއާލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ ކަމުގަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2030 އާ ހަމައަށްދާއިރު ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައިސީޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކޮށް، ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް ކަމަށެވެ.
ދިވެހި އިގުތިސާދުގެ މުހިންމު ބައިވެރިއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ކަމަށާ، ދަނޑުވެރިކަމުގެ ހާއްސަ އިގުތިސާދީ ޒޯނެއް ގާއިމުކުރައްވައި، ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް، ފުޑް ސެކިއުރިޓީ ގާއިމު ކުރެވޭ މިންވަރަށް އުފެއްދުމުގެ ހާއްސަ މަޝްރޫއެއް މި އަހަރު ފެށިގެންދާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއު 2028 ގައި ނިމި، އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ކަމުގައި ވެސް ރިޔާސީ ބަޔާނުގައި އެ މަނިކުފަނު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް