ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސައްކަތް ފެށުމަށްފަހު ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތައް އަންނަ ފެބުރުއަރީ މަހު އަނެއްކާ ވެސް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އުލިގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ، އުލިގަމާއި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މަސައްކަތް ހަވާލު ކުރުމަށްފަހު، އެކި ހާލަތް ތަކުގެ ސަބަބުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވިފައިވާ ގިނަ މަޝްރޫއު ތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.
މިފަދަ މަޝްރޫއު ތަކުގެ ތެރޭގައި ގައުމީ ތަރައްގީ އާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިފައިވާ އެތައް މަޝްރޫއެއް ހިމެނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން، އެންމެ މުހިންމު ކަމަކީ މިފަދަ މަޝްރޫއުތައް ފަށައި، އޭގެ ނަފާ ރައްޔިތުންނަށް ލިބުން ކަމަށާއި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ޓަކައި ސަރުކާރުގެ ކުންފުނިތައް މޮބިލައިޒްކޮށް، މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވި އެވެ. އަދި، އެކަމަށް ދައުލަތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، އުލިގަމުގެ ތަރައްގީއަށް، ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނޭ ކަން އިއުލާން ކުރައްވާފަ އެވެ. އަދި، ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ބޮއި، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އުލިގަމު ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެރަށު ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި، އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، އެމްޓީސީސީ އާއި ހަވާލު ކުރެވިގެން އެ މަސައްކަތް އަންނަ މަހު ފެށިގެން ދާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް