ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި ރާއްޖެއިން ތާއިދު ކުރަނީ ޔޫކްރެއިނަށް ކަމަށް ބުނެ ފަތުރާ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.
ހަލީން މިހެން ވިދާޅުވީ އެސްޓޯނިއާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެ ތަނުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅުވައިގެންނެވެ.
އެ ޕޯސްޓުގައި ވަނީ ސަލާމަތީ ކަންކަމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމާއެކު އދ. ގައި ރާއްޖެއިން ޔޫކްރޭނަށް ތާއީދު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
މި ވާހަކަތައް ދޮގު ކުރައްވަމުން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށާއި އ.ދ ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތުން އެކަން ސާފުވާނެ ކަމަށެވެ.
"ކުދި ގައުމުތަކުގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތް ތަކުގައި ރާއްޖެއިން އަބަދު ވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ހަލީލް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެސްޓޯނިއާއަކީ ރަޝިޔާ ޔޫކްރެއިން ހަނުރާމައިގައި ޔޫކްރެއިނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ދެމުން އަންނަ ގައުމެކެވެ.
ކޮމެންޓް