އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އަހަރީ ޙައްޖު އެގްރީމެންޓްގައި ސޮއިކުރައްވާނެއެވެ. އަދި ޙައްޖާ ބެހޭ ވަޒީރާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ވަޒީރު ޝަހީމް 1446 ވަނަ އަހަރުގެ ޙައްޖު މައުރަޒުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ ކުރިން ވަޒީރު ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަނގަޅުކޮށް، ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
ރައީސް މުޢިއްޒުގެ ވަޢުދުފުޅެއްގެ ގޮތުގައި، ރާއްޖޭން މީހުން ޙައްޖަށް ފޮނުވުމަށް ލިބޭ ކޯޓާގެ އަދަދު 2000 އަށް އިތުރުކުރުމަށް މަސައްކަތްކުރެވެމުންދެއެވެ. މި ދަތުރުފުޅުގައި މި މަޤްޞަދު ހާސިލުކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓް