އެމެރިކާގެ ލޮސް އެންޖެލިސްގެ ޖަންގަލިތަކުގައި މިދިޔަ އަންގާރަ ދުވަހު ރޯވެ، ފެތުރެމުންދާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްނުވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ހާދިސާގެ ސަބަބުން ފަސް މީހަކު މަރުވެ، އެތައް ސަތޭކަ އިމާރާތެއް އަނދާ ހުލިވެ، މުޅި ސަރަހައްދުން 179،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.
އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކުރި ނަމަވެސް ކޮންޓްރޯލްނުވާ ކަމަށް އަލިފާން ނިއްވުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަލިފާންގަނޑު ކޮންޓްރޯލުވާނެ ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ލޮސް އެންޖެލިސް ކައުންޓީގެ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވީ، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށާއި، ގެއްލުން ލިބުނު ސަރަހައްދުތަކުގައި އިތުރަށް ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން، މަޝްހޫރު ހޮލީވުޑް ހިލްސް ސަރަހައްދަށް ނުރައްކާ ކުރަމުން އައި ސަންސެޓް އަލިފާންގަނޑު ކުޑަވާން ފެށި ނަމަވެސް އަދި ކޮންޓްރޯލްނުކުރެވެއެވެ.
ގާތްގަނޑަކަށް 2،000 ސްޓްރަކްޗާ ހަލާކުވެފައިވާއިރު، އޭގެ ތެރޭގައި ގެތަކާއި ސްކޫލްތަކާއި، އައިކޮނިކް ސަންސެޓް ބޯލްވާޑްގައި ހުރި ވިޔަފާރިތައް ހިމެނެއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ގެއްލުން ބޮޑު އެއް އަލިފާނުގެ ހާދިސާ ކަމަށާއި އަލިފާން ރޯވެ ގެއްލުންވި މުދަލުގެ އަގު ބޮޑުވުމުން އިންޝުއަރެންސަށް އަށް ބިލިއަން ޑޮލަރު (6.5 ބިލިއަން ޕައުންޑް) އަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިންޝުއަރެންސް ކުންފުނިތަކުން ބުނެއެވެ.
ކުރިއަށް އޮތް ހަފުތާ ވެސް ވިއްސާރަވާނެ ކަމަށް ނުބެލެވޭތީ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވެދާނެ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. ކެލިފޯނިއާގެ ފަޔާ އޮފިޝަލުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބުނި ގޮތުގައި އެ ސަރަހައްދުގައި މަދުވެގެން ފަސް އަލިފާންގަނޑު ރޯވެފައިވެއެވެ.
ކޮމެންޓް