އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސްގެ ހަވާލުގައި މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންގޮސް، ހާލުގައި ޖެއްސި އުމްރާވެރިން ހޮނިހިރު ދުވަހު މާލެ އަންނާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.
މި އުމްރާވެރިން ތާށިވެފައި ތިބީ އެ ކުންފުނިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ ހުރުމުގެ ސަބަބުންނެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި 23 އުމްރާވެރިން މިހާރު ތިބީ ހައްޖު ކޯޕަރޭޝަނުގެ އުމްރާވެރިން ތިބި ހޮޓަލުގައި ކަމަށާއި، ހޮނިހިރު ދުވަހު ހެނދުނު ގަތަރު އެއާވޭސްގެ ފްލައިޓަކުން މާލެ އަންނާނެ ކަމަށެވެ.
މި މައްސަލާގައި އަލް-ހިޖުރަ ގްރޫޕް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ކުންފުނީގެ ވެރިންގެ މައްޗަށް ފިޔަވަޅު އަޅަން ފުލުހަށް ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ކުންފުންޏަށް ދޫކޮށްފައިވާ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފަހައްޓައި، ކުންފުނީގެ ހިއްސާދާރުންނަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އުމްރާއަށް މީހުން ގެންދަން ފައިސާ ނެގުމަށް ފަހު އުމްރާވެރިންނަށް އިހުމާލުވާ ގްރޫޕުތަކުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވާ ކަމެވެ. މިފަދަ މައްސަލަތައް ތަކުރާރުވުމާ ގުޅިގެން، އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ކޮމެންޓް