ހުއްޓިފައި ހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، ހުރިހާ ރަށަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ރާއްޖެ ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ގދ. ރަތަފަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ހުއްޓިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑު ހިލަ ނުލިބުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ބަލްކުކޮށް ބޮޑު ހިލަ ގެނައުމަށް ނިންމަވާފައިވާ ކަމަށާއި، މިކަމަށް ފައިސާވެސް ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ބަލްކުކޮށް ބޮޑު ހިލަ ގެނައުމަށް ކުންފުނިތަކާއި މާލީ ވަޒީރާއި އިމާރާތްކުރުމާ ބެހޭ ވަޒީރާއެކު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބަނދަރުތަކާއި، ރަށްގިރުމުގެ މައްސަލަ، ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށާފައިވާއިރު، މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ހުއްޓިފައިވަނީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ ސާމާނު ލިބުން ލަސްވުމާއި ނުލިބުމުގެ ސަބަބުންނެވެ. މި ނިންމުމުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބި، ގިނަ މަޝްރޫޢުތަކެއް އަވަސްވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓް