ތިން ދުވަހުގެ މުއްދަތަކަށް ހުވަދު އަތޮޅުގެ 9 ރަށަކަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ 5 ރަށަކަށާއި، އުތުރުބުރީގެ 4 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ދަތުރުފުޅުގެ ތެރޭގައި ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުވަދުއަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުންނާ މުޚާޠަބުކުރައްވާނެއެވެ.
ރައީސް މުޢިއްޒު ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންގެ ބޭނުންތަކާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރަށްތަކުގެ ޙާލަތު ބެއްލެވުމަށާއި، ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މިފަދަ ދަތުރުފުޅުތަކުގެ ތެރެއިން މިހާތަނަށް 190 އަށްވުރެ ގިނަ ކައުންސިލަކާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ކޮމެންޓް