ކްލަބް ޕޯލްސްޓާރއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، މައިކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުޅިމަގުން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅިމަގުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުން ދިއްދޫ ބަލިކުރުމަށްފަހުއެވެ.
މެޗްގެ 27 ވަނަ މިނެޓްގައި ކުޅިމަގުގެ ނައިޖީރިޔާ ކުޅުންތެރިޔާ ޖިމޯހް އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑާއެކު ކުޅިމަގަށް އުއްމީދު އާވިއެވެ. ފުރަތަމަ ހާފްގެ 32 ވަނަ މިނެޓްގައި އިބްރާހިމް ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު ކުޅިމަގުން އިތުރަށް ކުޅުން ވަރުގަދަ ކުރިއެވެ.
ކުޅިމަގުގެ ތިންވަނަ ލަނޑު އަލީ ނާއިޝް ކާމިޔާބު ކޮށްދިން އިރު ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިއަދުގެ މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު އާދަމް ނާއިލް އެވެ.
ދިއްދޫއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްޒަމް ރަޝީދެވެ. ދިއްދޫއަށްވެސް ލަނޑުތަކެއް ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނެވެ.
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިޖީރިޔާގެ ޖިމޯހް އިބްރާހިމް އެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބައްދަލު ކުރާނީ ހޯރަފުށި އަދި އެންވީކޭއެވެ. މިރޭގެ މެޗްވެސް ޔެސް ޓީވީން ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ބިއުޓިފުލް ބުލޫއެވެ.
ކޮމެންޓް