މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ކުންފުނީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭނެ ޚާއްޞަ ޕޯޓަލެއް ތަޢާރަފުކޮށްފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، އެޕްލިކޭޝަންތަކުގެ މަރުޙަލާތައް ބެލުންފަދަ ޚިދުމަތްތައް ލިބޭނެއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މި ޕޯޓަލަކީ ޚިދުމަތްތައް އަވަސްކުރުމަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ކަމަށެވެ. އަދި މިއީ ކައުންޓަރުންނާއި ފޯނުން ދެވޭ ޚިދުމަތްތައް މަދުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕޯޓަލްގެ ޚިދުމަތް ލިބޭނީ އީ-ފާސް ނިޒާމު ބޭނުންކޮށްގެންނެވެ. ކަސްޓަމަރުންނަށް މި ޕޯޓަލް މެދުވެރިކޮށް އެކައުންޓްތަކުގެ މަޢުލޫމާތު ބެލުމާއި، އެއްފަހަރާ ގިނަ ބިލުތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ފެން ބޭނުންކުރާ މިންވަރާއި ބިލުތަކުގެ ތަފުސީލުތައްވެސް މި ޕޯޓަލް މެދުވެރިކޮށް ބެލޭނެއެވެ. މި އައު ޕޯޓަލްގެ ސަބަބުން އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް