"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ހައްގު ނޫން ބަޔަކަށް ގޯތިތަކެއް ދިން މައްސަލާގައި ފާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
މި މައްސަލަ އާ ގުޅުވައިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.
ފުލުހުން މިއަދު ބުނީ ބިންވެރިޔާ ހައުސިން ސްކީމާއި ގުޅުން ހުރި މައްސަލާގައި ރާއްޖެއިން ބޭރަށް ދަތުރު ކުރުން މަނާ ކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.
ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތަފުސީލު ހާމަ ނުކުރިި ނަމަވެސް، އެމީހުންގެ ތެރޭގައި ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ނުވަ މީހުންގެ ޕާސްޕޯޓް ދޫކުރީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ ލަފާގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނު ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތް ތަކަށް އެ ބިން ތަކުގައި ބައެއް މަސައްކަތް ކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ލިޔެކިޔުންތަކުގައި މައްސަލައެއް އުޅޭކަން އެޗްޑީސީގެ ސަމާލު ކަމަށް އައީ އެއް ބިމަކަށް އެކަކަަށްވުރެ ގިނަ މީހުން ހުއްދަ ހޯދަން އެދި ހުށަހެޅުމުން ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު އެ ބިންތަކުގައި މަސައްކަތް ކުރަން ހުށަހެޅި ފަރާތް ތަކުން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރަން އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފެންމަތިވުމުން، މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓު ތަކެއް ފޯޖުކުރި މައްސަލަ އެވެ.
ކޮމެންޓް