ސްޓެލްކޯއިން ކ. މާފުށީގައި ކަރަންޓު އުފައްދާ މިންވަރު މަތި ކުރުމަށް ޓަކައި އެރަށަށް އިތުރު ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި އެވެ.
ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގޮތުން އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި، ސްޓެޕްއަޕް ޓްރާންސްފޯމަރު މާފުއްޓަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.
ސްޓެލްކޯއިން ބުނީ ޖަނަރޭޓަރު ގެންދިޔައީ މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށާއި އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށާއި، އަދި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
"މި ޖަނަރޭޓަރުތައް ކޮމިޝަން ކުރެވި، ބޭނުން ކުރަންފެށުމާއެކު، މާފުށީގައި މި ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެ،" ސްޓެލްކޯއިން ބުންޏެވެ.
ހޫނު ދުވަސްވަރާ ދިމާކޮށް ހާއްސަކޮށް މާލެ އިން ކަރަންޓު ކެނޑުން ފަދަ މައްސަލަތައް ގިނަ ގިނައިން ދިމާވެ އެވެ.
އެހެންވެ ސްޓެލްކޯއިން އަންނަނީ އެކަމަށް ދުރާލާ ތައްޔާރުވަމުންނެވެ.
އެ ދުވަސްވަރާ ދިމާކޮށް، މާލެއަށް މެދު ނުކެނޑި ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ވަނީ މި އަހަރުގެ ކުރީކޮޅު އިތުރު ޖަނަރޭޓަރު އިންސްޓޯލްކޮށް ޖުމުލަ 6.4 މެގަވޮޓުގެ ކަރަންޓު ކެޕަސިޓީ އިތުރު ކޮށްފަ އެވެ.
ކޮމެންޓް