—
ކާއިނާ... އިންތިޒާރުގައި އުމުރު ހޭދަނުކުރޭ، މިހާރު ކާއިނާ އަށް އެހީވާނެ މީހަކު ހުރީކީ ނޫން... ވިދާދުގެ އަތުގައި ހިފާ... އޭނަ ކާއިނާ ދެކެ ލޯބިވޭ..."ނުހާ ހިމޭން ރާގެއްގައި ބުންޏެވެ. ކާއިނާތު އެއްކޮލުން ހިނިތުން ވެލިއެވެ.
"އަހަރެން ބިރުގަނޭ... އަހަރެންގެ މާޒީ ތި ބުނާ ވިދާދަށް އެނގުނީމަ އޭނަ ވެސް އަހަރެން ބޭނުން ކުރާނީ ތުން ފުހެލަން ޓިޝޫ ކޮޅަކަށް... އެހެން މީހެއް ދެކެ ލޯބިވާ ކަން އެނގުމުން އިރުފާން ކަންތައް ކުރާ ގޮތަށް އޭނަ ވެސް ކުރާނީ، އެހެން ނޫނަސް އޭނަޔަށް އަންހެން ކުދިން ވާނެ، ކީއްވެ އަހަރެން ފަހަތުން އެއުޅެނީ؟"ކާއިނާތު ސުވާލު ކޮށްލިއެވެ.
"އެންމެ ރަނގަޅު. ވާހަކަ އެއް އަހާލަންތަ؟" ނުހާ ކާއިނާތަށް ބަލާލަމުން އަހައިލިއެވެ. ކާއިނާތު ބޯޖަހައިލިއެވެ.
"ވިދާދު ފެނުނީމައި ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާތަ؟"ކާއިނާތު ބޯޖަހައިލިއެވެ.
"އެހެން ވިއްޔާ އެރޭ އަހަރުމެން ގޭ ބަދިގެ ތެރޭގައި ވިދާދު ގެ މޭގައި ބޯ އަޅައިގެން ހުރީ ކީއްވެ؟ވިދާދު ބަލިވީމަ އެގެޔަށް ގޮސް އިއްޔެ ހަތަރު ދަމު އިނީ ކީއްވެ؟ ވިދާދުގެ..... "ނުހާ ކާއިނާތުގެ އިނގިޔައް ބަލާލަމުން ބުނެލަން އުޅުނެވެ. އެކަމަކު ވިދާދު ބުނި ވާހަކަ ހަނދާން ވުމުން ނުހާ ވާހަކަ ދެއްކުން ހުއްޓާލިއެވެ.
"ވިދާދުގެ... ކޯއްޗެއް؟"ކާއިނާތު ސުވާލު ކޮށްލިއެވެ.
"ހަނދާން ނައްތާލާ. ކާއިނާ ތިއީ ކުޑަ އިރުއްސުރެން ވަރަށް ބޯހަރު ކުއްޖެއް. ވާހަކަ ދައްކައިގެން ވާނެ އެއްވެސް ކަމެއް ނެތް. ގްޑްލަކް ތި ދެމީހުންނަން."ނުހާ އެނދުން ތެދުވަމުން ބުންޏެވެ.
ނުހާ އެހެން ބުނެފައި ކޮޓަރިން ނިކުތެވެ. ނުހާ އުޅުނީ ވިދާދު އާއި ކާއިނާތުގެ ގުޅުން ވަރުގަދަ ވާހަކަ ބުނެދޭށެވެ. ވިދާދުގެ ލޯބީގެ ބާރަކީ ކޮބާކަން އަންގާ ދޭށެވެ. އެކަމަކު ވިދާދު ވަނީ އެ ވާހަކަ ތައް ކާއިނާތަށް އެނގުން މަނާ ކޮށްފައި ކަމުން ފަހަތަށް ޖެހެން ޖެހުނީއެވެ.
*******************
އޮފީހަށް އައިސް ވަނީ އެއްވެސް ކަހަލަ ވިސްނުމެއް ހިޔާލެއް ނެތިއެވެ. އޮފީހަށް ނަޔަސް ގޭގައި އިނދެގެން ފޫހިވާނެތީ އައީއެވެ. ނުހާ ދެއްކި ވާހަކަ އާއި ރޭގައި އިރުފާންގެ އަމަލުތައް ހުރި ގޮތުން ކާއިނާތަށް ވަނީ ވިސްނާލަން މަޖުބޫރު ވެފައެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ކާއިނާތު ވިސްނާކަށް ބޭނުމެއް ނުވެއެވެ. ވިސްނުންތަކާ ހިޔާލާއި ފިކުރާ ދުރު ވެގެން ހަމަޖެހިލައިގެން އެއްދުވަސް ނަމަވެސް އޭނަ ހޭދަކޮށްލަން ބޭނުން ވެއެވެ. ކާއިނާތުގެ މޭޒު ދޮށުގައި އިށީން ތަނުން އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި އޮތް މަލަށެވެ. ލިލީ އަކީ އޭނާ އަށް އެންމެ ރީތި މާކަމުން އެއްވެސް ޙިޔާލެއް ފިކުރެއް ނެތި މާނަގައި ވަސް ބަލާލިއެވެ. އޭގެ ސަބަބުން ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލަ އެވެ. މާ އެއް ފަރާތެއް ގައި ބާއްވަން އުޅެނިކޮށް މޭޒުމަތީގައި އޮތް ކާޑު ފެނުނެވެ. ކާއިނާތު ކާޑު ނަގައި ބަލައިލިއެވެ.
"ސޮރީ."ހަމައެކަނި ކާޑުގައި ލިޔެފައި އޮތީ އެލަފުޒު އެކަންޏެވެ.
އެއީ ކާކު ފޮނުވި އެއްޗެއްތޯ ބަލާކަށް ވެސް މާބޮޑު ޝައުގު ވެރިކަމެއް ނެތެވެ. އޭނާ އަށް ރީތީ ލިލީ ކަން އެނގޭނީ ހަމައެކަނި އިރުފާނަށް ކަން ކާއިނާތަށް އެނގޭތީއެވެ. އެއް ފަރާތެއްގައި ފަރުވާ ކުޑަ ގޮތަކަށް ކާޑު ބޭއްވުމަށް ފަހު ނުނިމި ހުރި މަސައްކަތް ތައް ކުރަން ފެށިއެވެ.
ކާއިނާތުގެ ހަރަކާތް ތަކަށް ވިދާދު ފަރުވާތެރި ކަމާއި އެކީގައި ބަލަމުން ދިޔައެވެ. ކާޑާއި މާ ފޮނުވީ އޭނަ ކަން ކާއިނާތަށް އެނގޭނޭ ކަމަށް އޭނަ ހީކުރިއެވެ. އެކަމަކު ފަރުވާ ކުޑަ ގޮތަކަށް ކާޑު އެއް ފަރާތަށް ލުމުން ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ރޭގަ ކާއިނާތު އޭނާޔާ ވާހަކަ ދެއްކީ ރީއްޗަށެވެ. ހީ ސަމާސާ ކޮށްހެދިއެވެ. މިއަދު ކާއިނާތުގެ މިޒާޖު ބަދަލު ވެފައި ހުރިކަން ވިދާދަށް ފާހަގަ ވިއެވެ.
ވިދާދު ވީހާ ވެސް ބޮޑެއްކޮށް ކާއިނާތު އާއި އެކު ވަގުތު ހޭދަކުރަން ބޭނުން ވިއެވެ. އެކަމަކު ކާއިނާތު ވީހާ ވެސް ބެލީ ވިދާދު އާއި ދުރުގައި އުޅެވޭ ތޯއެވެ. މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އޭނާ އަކީ އޮފީހުގެ ބޮޑުމީހާގެ ސެކެޓްރީ އަށް ވީތީ އިރު އިރު ކޮޅުން ވިދާދު ކާއިނާތު އެކޮޓަރިޔަށް ގެނުވައެވެ. އެކިއެކި ވާހަކަ ދައްކަމުން ކާއިނާތު އާއި ގާތް ވެވޭތޯ އުޅެއެވެ. އެކަމަކު އެހުރިހާ ކަމަކަށް މިހާރު ކާއިނާތު ހުންނަނީ ތައްޔާރަށް ކަމުން ވިދާދަށް ކާމިޔާބު ވާގޮތެއް ނުވެއެވެ. އަބަދުވެސް އެކޮޓަރިޔަށް ދިއުމުގެ ކުރިން އެހެން ކުއްޖަކަށް އިޝާރާ ތުން އެތަނަށް ދިއުމަށް ކާއިނާތު އަންގައެވެ. ލީޒާ އަކީ އޮފީހުގައި ކާއިނާތު އާއި އެންމެ ގާތްކޮށް އުޅޭކުއްޖާ ކަމުން ކޮންމެވެސް ވަރަކަށް އޭނަޔާ ވިދާދުގެ ދޭތެރޭގައި ހިނގާ ކޯޅުން ގަނޑު އިނގޭތީ އޭނަގެ އެނދުމުގެ މަތިން އެހީ ވެދެނީއެވެ.
ކަން ދިމާ ކުރި ގޮތުން މިއަދު އޮފީހުގެ ގިނަ ސްޓާފުން ކެންޕޭން ކަންތަކުގައި އެކިރަށްތަކަށް ފުރަ ފުރައިގެން ވަނީ ގޮސްފައެވެ. ކާއިނާތު އާއި ފިރާޒު ގެ ދަތުރު އޮތީ މިފަހަރު ކުޑަހުވަދޫ އަށް ކަމުން ހަމަޖެހިލައިގެން ވިދާދު ނުފެނި ދެތިން ދުވަސް ހޭދަ ކޮށްލެވޭނޭ ކަމަށް ކާއިނާތު ހީކުރިއެވެ. އޮފީހުން ނިކުންނަނި ކޮށް ވިދާދު ކާއިނާތަށް އެކޮޓަރިޔަށް އައުމަށް ގޮވައިލިއެވެ. ކާއިނާތު ކަންތައް ބޮޑު ވިއެވެ. އެވަގުތު އޮފީހުގައި ތިބީ އެދެމީހުން އެކަނި ކަމުންނެވެ. އެކަމަކު ވިދާދު ގޮވާލުމުން ނުގޮސް ހުރުމަކީ ޒިންމާ އަށް ފިލުން ކަމުގައި ކާއިނާތު ހިތަށް އެރިއެވެ. މަޑުމަޑުން ގޮސް އެކޮޓަރިޔަށް ވަނެވެ. އޭރު ވިދާދު އިނީ ކޮންޕިއުޓަރުން އެއްޗެއް ބަލާށެވެ.
"ލައްބަ."ކާއިނާތު އެތެރެއަށް ވަދެފައި ބުންޏެވެ.
"ތިހާ ފޯމަލް ނުވެބަލަ، މަށާ އާދައިގެ ބަހުރުވާން ކާއިނާ ވާހަކަ ދައްކަން ވާނީ.... މީގެ ކުރިން ވެސް ދެއްކި ގޮތަށް. ތިއީ ހަމައެކަނި އަހަރެންގެ ސެކެޓްޓްރީ އެއް ނޫން އެކަން ރަނގަޅަށް ކާއިނާ އަށް އެނގޭނެ."ވިދާދު ބުންޏެވެ. ވިދާދު އެހެން ބުނެފައި ގޮނޑިން ތެދުވިއެވެ. އަދި ކާއިނާތު އާއި ދިމާ އަށް އައެވެ.
"ކަމަކު ތަ ގޮވީ؟"ކާއިނާތު އަވަސް އަވަހަށް އަހައިލިއެވެ.
"ކީއްވެ އަހަރެން އެވޮއިޑް ތިކުރަނީ؟"ވިދާދު ކާއިނާތުގެ ދާދު ގާތަށް ހުއްޓިލަމުން ސުވާލު ކޮށްލިއެވެ. ކާއިނާތުގެ ހިތް ބާރަށް ތެޅި ގަނެގެން ދިޔައެވެ. ނުހާގެ ގޭ ގައި ހިނގި ހާދިސާ ހިތަށް އެރިއެވެ. ކާއިނާތު ފަހަތަށް ޖެހިލިއެވެ.
"ބުނެބަލަ. އަހަރެން ތަޅުވަންތަ ކާއިނާ ބޭނުންވަނީ؟"ވިދާދު އަނެއްކާ ވެސް ކުރިޔަށް ޖެހިލަމުން އަހައިލިއެވެ.
"ވަރަށް ލަސްވެއްޖެ ގެޔަށް ދާން ޖެހޭ. މާދަމާ ހެނދުނުން ފުރަން ޖެހޭތީ."ކާއިނާތު ކުޑަކޮށް ޖެހިލުން ވެފައި ހުރެގެން ބުންޏެވެ.
"ވަރިހަމަ ކިތަންމެ ލަސްވިޔަސް. އަހަރެންގެ ސުވާލަށް ޖަވާބު ދީފައި ދެވޭނީ." ވިދާދު ކާއިނާތުގެ އަތުގައި ހިފާލަމުން އޭނަޔާ ގާތް ކޮށްލަމުން ބުންޏެވެ.
"ލޯބި ވޭތަ؟"ވިދާދު ކާއިނާތުގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. ކާއިނާތު ވިދާދަށް ބަލަމުން ދިޔައެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަ ވެގެން ދިޔަ ވަގުތު ވިދާދު މަޑުމަޑުން ކާއިނާތުގެ ކަނދުރާގައި ބީހިލިއެވެ.
"ބުނެބަލަ. ލޯބިވޭތަ؟"ވިދާދުގެ އަޑު ކުރިޔަށް ވުރެންވެސް ހިމޭން ވެގެން ދިޔައެވެ. އެއަޑުގަވާ އަސަރު ކާއިނާތަށް ނުކުރާނެ އެއް ގޮތްވެސް ނޯންނާނެކަން ވިދާދަށް އެނގެއެވެ. އެއާއި އެކީ ކުރިޔަށް ވުރެންވެސް ބޮޑަށް ވިދާދު ކާއިނާތު އޭނާޔާ ގާތް ކޮށްލިއެވެ.
"އަހަރެން ތިވަރަށް ނުތަޅުވަބަލަ ޕުލީޒް. ޖަވާބު ދީބަލަ."ކާއިނާތުގެ ކަންފަތް ދޮށުގައިވިދާދު މަޑުމަޑުން ބުނެލިއެވެ. ކާއިނާތު ދެލޯ މަރާލިއެވެ. އޭނަގެ ހަށިގަނޑަށް އެއްވެސް ބާރެއް ނުފޯރުވޭ ކަހަލަ އެވެ. އޭނަގެ ހިތް ބުނަމުންދާ ވާހަކަ ހުދު އޭނަޔަށް ވެސް ނޭނގެއެވެ. ނޫނީ އެގެން ބޭނުން ނުވަނީކަން ނޭނގެއެވެ. ކާއިނާތު ވިދާދުގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އަދި އެއްވެސް އެއްޗެއް ބުނެލުމެއް ނެތި އެތަނުން ނިކުމެގެން ދިޔައެވެ. މިފަހަރު ވިދާދު ވެސް ކާއިނާތުގެ ފަހަތުން ނުގޮސް މޭޒުގައި ދެއަތުން ހިފަހައްޓާލަމުން މީހާގެ އުފެރެމުން ދިޔަ ނޭވާ ހަމަޔަކަށް އަޅުވާލިއެވެ. ކާއިނާތުގެ ޖަވާބު ކާއިނާތު ނުބުނިކަމުގައި ވިޔަސް ވިދާދަށް އެނގުނުކަހަލަ އެވެ. އެ ދެލޮލުން ބުނެދެމުން ދިޔަ ވާހަކަ މިރޭ ވިދާދަށް އެނގުނެވެ. ކާއިނާތުގެ ހިތުގެ ވިންދު ތަކުގައި، ކާއިނާތު ބޭނުން ނުވިޔަސް ވިދާދުގެ ނަން ވާކަން މިރޭ ވިދާދަށް އިޙްސާސް ކުރެވުނެވެ. ވިދާދުގެ ތުންފަތް މަތިން އުފާވެރި ހިނިތުން ވުމެއް ފާޅުވެގެން ދިޔައެވެ. ކާއިނާތު އަދި އޭނަ ކައިރިޔަށް އަންނާނޭ ކަމުގެ ޔަގީންކަން އޭނާގެ ހިތް ދެމުން ދިޔައެވެ.
ގެޔަށް އައިސް ވަނުމާ އެކީގައި އަތުގައި އޮތް ހޭޑްބޭގް އެނދުމަށްޗަށް އެއްލާލިއެވެ. މޫނުމަތިން ހިތްހަމަ ނުޖެހުން ފެންނަމުން ދިޔައެވެ. ވިދާދު އާއި ދުރަށް ދާން އުޅޭ ވަރަކަށް ވިދާދު އޭނަޔާ ގާތް ވަމުން ދިޔައެވެ. ވިދާދަށް ހިތް ދޭކަށް އޭނަ ބޭނުމެއް ނުވެއެވެ.
"އިތުރަށް މިހިތަށް އަނިޔާ ލިބޭކަށް ބޭނުމެއް ނޫން." ކާއިނާތު އަމިއްލަ ނަފްސާ މުހާތަބްކޮށް ބުނެލިއެވެ.
ވިދާދުގެ އެ ހަރަކާތް ތަކުން ކާއިނާތުގެ ސިކުނޑިހާސް ކުރުވަމުން ދިޔައެވެ. އެ ހާސްކަމާއި ވިސްނުން ތަކާ ދުރަށް ދާން ކާއިނާތު ބޭނުން ވިއެވެ. އެގޮތުން މިރޭ ބޯހަމަޖައްސާލަން ޒައިބާ އާއި އެކީގައި ކޮފީއަކަށް ދާން ނިންމިއެވެ. އަލަމާރި ހުޅުވާލާފައި ހެދުމެއް ނަގަން އުޅުނެވެ. ހެދުންތައް ހާވަމުން ދަނިކޮށް ވިދާދުގެ ކޯޓުގައި އަތް ޖެހުނެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައިކޯޓު ނެގިއެވެ. އޭގެ މަތިން އޭނަ ވަނީ ހަނދާން ނެތިފައެވެ. ބައްޕަ ނިޔާވި ދުވަސްމަތިން ހަނދާން ވެގެން ދިޔައެވެ. ކޯޓު އޭނާގެ ގައިގައި އަޅުވާލަދިން މަންޒަރު ސިފަވެގެން ދިޔައެވެ. ކާއިނާތު ކޯޓުގައި އަތްކާއްތާ ލިއެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނަގެ ކަރުނަތައް އެފަދަ ދަނޑިވަޅަކަށް ބަލަބަލާ ހުންނަ ކަހަލަ އެވެ. ކޯޓު ހިފައިގެން އެނދާ ދިމާ އަށް ދިޔައެވެ. އަދި ރީތި ކޮށް ކޯޓު އެނދުމަތީގައި ބޭއްވިއެވެ. އެއަށް ބަލަހައްޓައިގެން ހުއްޓެވެ. ވިދާދުގެ ކޮންމެހަރަކާތެއް ވަކިވަކިން ސިފަވަމުން ދިޔައެވެ. ވިދާދު އާއި އެކީގައި ނޭނގި ނަމަވެސް ހޭދަ ކުރެވުނު ވަގުތު ތައް އޭނާ ވަނީ ފޮރުވާފައެވެ. ބަންދު ކޮށްފައިވާ ދޮރު ހުޅުވާ އެދޮރުން ކާއިނާތު އެތެރެއަށް ވަދެގެން ދިޔަ ކަހަލައެވެ. ނުހާގެ ގޭ ބަދިގޭގައި ފުރަތަމަ ފަހަރަށް ވިދާދު ގާތްވި ގާތް ވުން ހިތަށް އެރުމުން މޫނުމަތިން ލަދުވެތި ކަން ފާޅުވެގެން ދިޔައެވެ. ކާއިނާތު އެނދުގައި އިށީނދެ ކޯޓުގައި އަތް ކާއްތާ ލިއެވެ.
"ތިއީ އަހަރެންގެ މަންޒިލެއް ނޫން. ހިތަށް ތަދުވުން ނޫން ކަމެއް ނުވާނެ. މިހާރު ވެސް އަހަރެންގެ ހިތަށް ވަނީ ތަދުވެފައި އިތުރަށް ތަދު ކުރަން ނޫޅޭ. ލޯބީގައި އަހަންނަކީ ވަރަށް ނާކާމިޔާބު މީހެއް، އެހެން ނޫނަސް ވިދާދު ބޭނުންވާ މަގާމެއް އަހަރެންގެ ހިތުން ވިދާދަކަށް ނުދެވޭނެ، ވިދާދު ކީއްކުރަން އެކަކަށް ވެސް ނުދެވޭނެ."ކާއިނާތު ހިތާހިތުން ބުނެލިއެވެ.
ކާއިނާތު ވިސްނާލިއެވެ. އޭނާ މިދަތުރު ނިންމާފައި އައިސް އޮފީހުން ކެޑެން ނިންމިއެވެ. އެގޮތަށް ވިދާދުގެ ލޯބީގައި އޭނަ ގައިދު ވާކަށް ބޭނުމެއް ނޫނެވެ. ވިދާދު މެންގެ ދުނިޔެ އަކީ މުޅިން ތަފާތު ދުނިޔެ އެކެވެ. އެ ދުނިޔެ އޭނަ ޔަކަށް މަރުޙަބާ އެއް ނުކިޔާނެއެވެ. އެހެން ނޫނަސް އެދުނިޔޭގެ ހިއްސާ އަކަށް އޭނަ ވާކަށް ބޭނުމެއް ވެސް ނޫނެވެ. އެނދުމަތީގައި އޮތް ކޯޓަށް ބަލަމުން ހިތާ ހިތާ ވާހަކަ ދައްކަމުން ދިޔައެވެ. ހިޔާލުތަކުގެ އޮއިވަރުގައި ބެހިގެން ދަނިކޮށް އެނދުގެ ހެޑުބޯޑު މަތީގައި ހުރި ފޯނު ރިންގުވާ އަޑަށް ސިހުނެވެ. ކާއިނާތު ގޮސް ފޯނުނަގައި ބަލާލިއެވެ. އޮފީސް ކުއްޖެއްގެ ފޯނެކެވެ. ފޯނުގެ ރިސީވަރު ނެގިއެވެ.
"ކީކޭ ސިތޫ."ކާއިނާތު އެނދުމަތިން ކޯޓުނަގައި ގެން ހިނގައި ގަންނަމުން އަހާލިއެވެ.
"އޭއި ވަރަށް ބޮޑު ވާހަކަ އެއް އެބައޮތް. ދެންމެ މަށަށް ވެސް އެނގުނީ." ސިތޫގެ އަޑު އިވިގެން ދިޔައެެވެ.
"ތިބުނީ ކޮން ވާހަކަ އެއް؟"ކޯޓު އަލަމާރީގައި އަޅުވާލަމުން އަހާލިއެވެ.
"ބޮސް ގެ ސީކުރެޓެއް ޝިހާމާ އަށް އެނގިގެން."ފޯނުން ސިތޫގެ އަޑު އިވުނެވެ.
"ބޮސްގެ؟ ކޮން ސީކުރެޓެއް؟" ކާއިނާ އެނދުގައި އިށީންމުން އަހާލިއެވެ.
"ނޭނގޭތަ؟ އަހަރެން ހީކުރީ ކާއިނާ އަށް އެނގޭނެ ކަމަށް."ފޯނުން އަޑު އައެވެ.
"ނޭނގެ. ބޮސްގެ ސެކެޓްރީ އަކަސް ހުރިހާ ކަމެއް އެނގޭކަށް ނުޖެހޭދޯ." ކާއިނާ ބުންޏެވެ.
"މިރޭ ޝިހާމާ އޮފީހަށް ދިޔައިރު ބޮސް އޮފީސް ތެރޭގައި ކުއްޖަކާ ވަރަށް ކާރީގަޔޯ ހުރީ.. ޝިހާމާ ބުނީ، ބައްދާލާ ގެން ހެންނޯ ހީވަނީ ތިބީ. އަހަރެން ބުނީ ދެން ނުވާނޭ. އެހެނެއް. ބޮސް ވެސް ވިސްނާނެދޯ އެކަހަލަ ކަމެއް ކުރާއިރު." ފޯނުން އަޑު އައެވެ. ޝިހާމާ އެހެން ބުނުމުން ކާއިނާތުގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ކަންބޮޑު ވުމާއި އެކީގައިމަޑުމަޑުން އަހާލިއެވެ.
"ކާކުކަން ނުބުނޭތަ؟"ކާއިނާތު އަހާލިއެވެ.
"އާން... ޝިހާމާ ބުނީ އޭނަޔަށް އެމަންޒަރު ފެނުނީމަ ބިރުން އޮފީހުން ނިކުތީއޯ. ފަހުން އެއީ ކާކުތޯ ބަލާލަން ހިތަށް އަރައިގެން ދިޔައިރު އެކުއްޖާ އެތާގައި ނެތޯ. އެކަމަކު ބޮސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހެނޯ ހީވަނީ. އެހެން ވީމައި ބޮސް ގެ ގަރލްފުރެންޑެއް ހުންނަނީދޯ. އަހަރުމެން ހިތް ކިޔައިގެން އުޅެނިކޮށް."ފޯނުން ސިތޫގެ އަޑު އައެވެ.
"ދެން ތިވާނީ ޝިހާމާ އަށް ހީވި ގޮތެއް ހެން، ދެން ތި ވާހަކަ ހުއްޓާލާފައި ފަހުން ތިއީ ކާކުތޯ ބަލާނީ.... އަހަރެން ހެނދުނު ތެދުވަން ޖެހޭ... ބާއްވަނީ އިނގޭ."ކާއިނާތު އެހެން ބުނެފައި ފޯނު ބޭއްވިއެވެ.
ކާއިނާތު ހާސްކަމާއި އެކީގައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ވިދާދުގެ އަމަލުތަން ހުންނަގޮތުން އޮފީސްތެރޭގައި އޭނަ ބަދުނާމު ވާކަށް ވަގުތެއް ނުނަގާނެއެވެ. ވީހާވެސް ދުރަށް ދާން އުޅޭ ވަރަކަށް ވިދާދު ވަނީ އޭނަޔާ ހައްތަހާ ގާތެވެ. ފޯނުގެ ރިސީވަރު ނަގައި ބަލާލިއެވެ. ވިދާދުގެ ނަމްބަރަށް ފިތާލިއެވެ. އަދި ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު ޑައިލު ކޮށްލަންއުޅެފައި ފޯނު ބޭއްވިއެވެ. އެވަގުތު އަނެއްކާ ވެސް ފޯނު ރިންގުވާން ފެށުމުން ފޯނު ނަގައިބަލާލިއެވެ. ކާއިނާތު ފުންނޭވާ އެއް ލިއެވެ. އަދި ފޯނުގެ ރިސީވަރު ކަންފަތުގައި ޖައްސާލިއެވެ.
"ހަލޯ."
"އޭއި ވަރަށް ބޮޑު ކަމެއް ވެއްޖެ. ތީނަޔާ ވިދާދުގެ ވާހަކަ މުޅި ގުރޫޕުގައި އެބަދެކެވޭ."ލީޒާ ގެ އަޑު އައެވެ.
"ގުރޫޕު ގައޭ؟ ކޮން ގުރޫޕެއް؟"ކާއިނާ އަހާލިއެވެ.
"ދެންމެ ޝިހާމާ ހެދި ގުރޫޕެއް. މަ ދިޔައީ ހަމަ އެއްލިގެން. ވިދާދު އާއި ތީނަޔާ އޮފީސްތެރޭގައި ބައްދައިގެން ނޯ ތިބީ، އެހެން ކިޔާފައި ވާހަކަ އެބަދެކެވޭ. އަހަރެން ބުނިން ކާއިނާ މިއަދު އޮފީސް ނިންމާފައި ގެޔަށް ދިޔައީ އަހަރެެންނާ އެކީގައޭ. ބޮޑު ކަންތައް ގަނޑަކަށް ޝިހާމާ އެކަން އެބަހަދާ. މިހާރު ވެސް ގުރޫޕުގައި އެބަ ލިޔޭ."ލީޒާ ގެ އަޑު އައެވެ. ކާއިނާތުގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ.
"ބައްދައިގެންނޭ. އެޔަށް ވުރެން ބޮޑުކޮށް ބުނަން ނޭނގުނީތަ؟ލީޒާ އަށް ކުރިން ވެސް އަހަރެން އޮންނާނެ ހުރިހާ ވާހަކަ އެއް ކިޔާދީފައި އަހަރެންނާ ވިދާދާ ދޭތެރޭގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަހަރެން ނަކަށް ނޭނގެ ވިދާދު އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެން ކަމެއް؟"ކާއިނާ ކަނބޮޑު ވުމާއި އެކީގައި ބުންޏެވެ.
"އެކަމަކު ކާއިނާ އަސްލު ވިދާދު އަކީ ޖެހޭ ކޮންމެ މީހަކާ ގުޅުން ހިނގާ ކަހަލަ މީހެއް ނޫން. އަހަރެންނަށް އެނގޭނެދޯ މިހާރު ގާތް ގަނޑަކަށް އެ އޮފީހުގައި މަސައްކަތް ކުރާތާ 6 އަހަރު ވެއްޖެ. އަހަރެންނަށް ހީވަނީ ވިދާދު ހަމަ ކާއިނާ ދެކެ ލޯބި ވަނީހެން. މީހަކު ހޯދާކަށް އެހާ މަސައްކަތެއް ވެސް އޭނަ ނުކުރާނެ. ޝިހާމާ އެއީ ވިދާދާ ހެދި އުޅޭ މީހެއް. އޮފީހަށް ވަނީސް ސުރެން. އެކަަމަކު ވިދާދު ޝިހާމާ އަކަށް އެހާ ސަމާލު ކަމެއް ނުދޭނެ. ގިނަ ފަހަރު ވާހަކަ ދައްކާނީ ވެސް ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެއް. ކާއިނާ ކިޔަަވަން ދެވޭ ގޮތަށް އޮފީހުން ވަޒީފާ ދިން ދުވަހު ވެސް އަހަރެން ހިތަށް އެރި ވިދާދު ގެ ހިތް އެދޭ ކުއްޖަކަށް ވާތީއޭ އެދިނީ. އަދި މިރުފާން ހުއްޓާ އިތުރު ސެކެޓްޓުރީ އަކަށް ކާއިނާ ގެނައީ. އެދުވަހު ވިދާދު މިރުފާން އާއި ދެއްކި ވާހަކަ ވެސް އަހަރެން އަޑު އެހިން." ފޯނުން ލީޒާގެ އަޑު އިވުނެވެ.
"އެކަމަކު އެގޮތަކަށް އަހަރެން ނުދެކެން. އޯކޭ ވާނުވާ އަންގާތި އިނގޭ." ކާއިނާ ފޯނު ކަނޑާލިއެވެ.
ފުންނޭވާ އެއް ލުމަށް ފަހު އެނދުގެ ހުރަހުން އޮށޯތެވެ. ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. ޝިހާމާ ދައްކަމުން ދާ ވާހަކަ އަށް ވިސްނާ ލިއެވެ. ވިދާދު އޭނަ ދިޔަނުދީ ހިފެހެއްޓިވަގުތު ޝިހާމާ އަށް ފެނުނީ ކަން އެނގުނެވެ. އެކަމަކު ބައްދައިގެން ހުރި ވާހަކަ ބުނުމުން އޭނަ ކައިރިޔަށް ރުޅި އައެވެ. އަދި ފުންމައިގެން އެނދުން ތެދުވިއެވެ.
"ކޮން ކަހަލަ ވިޔާނުދާ ވާހަކަ އެއް؟" ކާއިނާތު ދެލޯ އަޅާލިއެވެ.
"ދައްކާފައި ނުދައްކާނެ ވާހަކަ އެއްވެސް މި މީހުނަށް ނޭނގޭ، ޝިހާމާ އެހާވަރުން ވިދާދު އާއި ހެދި އުޅެންޏާ ރައްޓެހި ވީމަ ނިމުނީ ނުން. މަށަށް ކޮންކަމެއް." ކާއިނާ ދަތްކުނޑި ވިކާލަމުން އަމިއްލަ ނަފްސާ މުހާތަބު ކޮށް ބުނެލިއެވެ.
ކޮމެންޓް