އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ ކުލަބު ކަމުގައިވާ އޭސީސީ ރެކްރިއޭޝަން ކުލަބުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި އެ ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަދި އެ ކުލަބުގެ މިހާރުގެ ރައީސް ހަސަން މަނިކު މަސައްކަތުން ދުރުކޮށް ސަސްޕެންޑް ކޮށްފިއެވެ.
މި މައްސަލައާ ބެހޭގޮތުން ހަސަންގެ ނަން ނުގެނެސް، އެސީސީ އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނަނީ ކުލަބުގެ މާލީ ހިސާބުތަކާއި ގުޅިގެން މިހާރު ކުރަމުން ގެންދާ އޮޑިޓްގައި ކުލަބުގެ މިދިޔަ ދައުރާއި މި ދައުރުގެ ރައީސް އާ ގުޅުން ހުރި ބައެއް ކަންކަން ފާހަގަކޮށް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާތީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އޭނާ ކޮމިޝަންގައި އަދާކުރަމުން އަންނަ މަގާމުގެ ހައިސިއްޔަތުން ކުރާންޖެހޭ ހުރިހާ މަސައްކަތް ތަކަކުން ދުރުކޮށް، ސަސްޕެންޑްކޮށް، މަސްއޫލިއްޔަތުތަކުންވެސް އެކަހެރި ކޮށްފަައިވާ ކަމަށެވެ.
އޭސީސީން ބުނީ ހަސަނަކީ އެ ކޮމިޝަނުގެ ތަހުގީގުތަކާ ގުޅުންހުރި އެއްވެސް މަސައްކަތެއް އެއްވެސް އިރެއްގައި ކޮށްފައިވާ މުވައްޒަފެއް ނޫން ކަމަށާއި އެކަމަކު އޭނާގެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭސީސީ ރެކްރިކްރިއޭޝަން ކުލަބު ހިންގަނީ އެ ކުލަބުގެ މެންބަރުންގެ އަތުން ޗަންދާއެއް ނަގައިގެންނެވެ. އެހެންވެ، އޭސީސީގެ މާލީ ކަންކަންކަމާއި އެ ކުލަބުގެ މާލީ ކަންކަން ހިންގައި ބަލަހައްޓަމުން އަންނަނީ ވަކީންނެވެ.
ކޮމެންޓް