ލިޔުނީ: މަރިޔަމް މޫސާ
"އެކަންތަކަށް އަހަރެން މާފު ކުރިތާ ކޮން ދުވަހެއް. އެކަމަކު ކާއިނާ ކުރި ވައްކަމަށް އަހަރެން ކިހިނެއް މާފު ކުރާނީ؟"ވިދާދު ބުނެލިއެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލާލިއެވެ. ވިދާދު ހުރީ ލާނެތް ގޮތަކަށް ހިނިތުން ވެލައިގެންނެވެ.
"ވައްކަމޭ؟"ކާއިނާތަށް ބުނެވުނެވެ.
"އާން. އަހަރެންގެ ހިތް ވަގައް ނަގައިގެން ތިއުޅެނީ. އެހިތާ ނުލާ އަހަރެން ކިހިނެއް އުޅޭނީ."ކާއިނާތާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވިދާދު ބުނެލިއެވެ.
"އަހަރެންނަށް ފެންނަނީ ވިދާދު ޑޮކްޓަރަ ކަށް ދައްކަން. މޮޔަވެފައި ތިހިރީ." ހަރުކަށި ރާގެއްގައި ކާއިނާތު ބުނެލިއެވެ.
"މޮޔަކުރީ ވެސް ކާއިނާ." ކާއިނާތުގެ މޫނުގައި ފިރުމާލަމުން ސިއްރު ސިއްރުން ބުނެލިއެވެ.
"ޕުލީޒް އަހަރެން ދޫކޮށްލާ އެހެން ނޫނީ އަޑު ގަދަކޮށް މިތަނަށް މީހުން އެއްކޮށްފާނަން."ކާއިނާތު ބުންޏެވެ.
"ކެރެންޏާ އަޅެ ހަޅޭ ލަވާބަލަ."ވިދާދު ހަމަޖެހި ލަމުން ބުނެލިއެވެ.
"ބައްލަވާ..."ވަރަށް ބާރަށް ގޮވާލަން އުޅުނެވެ.
އެވަގުތު ވިދާދު ގެނައި ހަރަކާތުން ކާއިނާތުގެ އަޑު ބެދުނެވެ. ދެލޯ ބޮޑުކޮށްގެން ވިދާދުގެ މޫނަށް ބަލަމުން ދިޔައެވެ. އެއްވެސް ހަރަކާތެއް ނެތިފައި ކާއިނާ އަަށް ހުރެވުނެވެ. ވިދާދުގެ މެރިފައިވާ ދެލޯ ހުޅުވާލިއެވެ.
"އަދިވެސް ބޭނުންތަ؟" ވިދާދު ލާނެތް ރާގަކަށް މަޑުމަޑުން އަހާލިއެވެ.
"ކެރެންޏާ އަދިވެސް ގޮވާލާ." ވިދާދު ކާއިނާތު އާއި ދުރަށް ޖެހިލަމުން ބުނެލިއެވެ.
ކާއިނާތު ބާރަށް ގޮސް ދޮރު ހުޅުވަން އުޅުނެވެ. ވިދާދު ވެސް ބާރަށް ގޮސް ދޮރު ހުޅުވިޔަނުދީ ހިފެހެއްޓިއެވެ. ކާއިނާތު ހުރީ އަވަހަށް އެތަނުން ދާން ބޭނުން ވެފައެވެ. މިހާރު ވިދާދުގެ އަމަލުތައް ހުރި ގޮތުން ކާއިނާތު ބިރުގަންނަން ފެށިއެވެ. އުފުރެމުން ދިޔަ ނޭވާ ހަމަޔަކަށް އަޅުވާލެވޭތޯ ކާއިނާތު ބަލަމުން ދިޔައެވެ.
"އިހަށް މަޑުކުރޭ އަހަރެން ގެންގޮސް ދޭނަން. މިއީ ވަރަށް ލަސް ގަޑި އެއް. ކާއިނާ އެކަނި މިގަޑީގައި ގެޔަށް ފޮނުވާކަށް އަހަރެން ބޭނުމެއް ނޫން."ވިދާދު ސިއްރުން ބުނެލާ ރާގެއްގައި ބުނެލިއެވެ.
ވަރަށް މަޑުމަޑުން ދޮރު ހުޅުވާލައިފައި ގޭތެރެއަށް ނަޒަރު ހިނގާލިއެވެ. މީހަކު ފެނޭތޯއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ކާއިނާތުގެ އަތުގައި ހިފައިލިއެވެ. ކާއިނާތު ވިދާދަށް ބަލައިލިއެވެ. އެކަމަކު މިފަހަރު ވިދާދުގެ އަތު ތެރޭން އަތް ދަމައިގަންނާކަށް މަސައްކަތެއް ނުކުރެއެވެ. މަޑުމަޑުން ވިދާދުގެ ފަހަތުން ދިޔައީ އެވެ. ގޭތެރޭގެ ހިމޭން ކަން ފެނުމުން ކުޑަކޮށް ކާއިނާތު ޖެހިލުން ވިއެވެ. ވިދާދު ނިކުންނަ ދޮރާ ދިމާއަށް ދިޔައެވެ. ޔޫނުސް ދެ ޖީބަށް އަތް ޖަހައިލައިގެން ސޯޅަ ސަތާރަ އަހަރުގެ ކުދިން ކުރަމުންދާ ކަހަލަ މޮޔަކަންތައް ވިދާދު ކުރާތީ ބަލަހައްޓައިގެން ހުއްޓެވެ. އެއް ޒަމާނެއް ގައި އޭނާ ވެސް އުޅުނީ އެކަހަލަ ގޮތަކަށެވެ. އެކަމަކު އެގޮތައް އޭނާ ކަންތައް ކުރަން ޖެހުނީ މައިންބަފައިންގެ ނުގަބޫލު އެކަމުގައި އޮތުމުން ނެވެ. ވިދާދަށް އެކަހަލަ މަޖުބޫރެއް އޭނަ ނުކުރެއެވެ. ދެން ކާއިނާތު އޭނާ އަށް ފޮރުވުމުގެ ބޭނުމަކީ ކޮބާބާއޭ ހިތަށް އަރަމުން ދިޔައެވެ.
ބޭރަށް ނިކުމެ ކާރުގެ ކުރީ ސީޓު ދޮރު ހުޅުވައިލިއެވެ. ދެފަރާތް ބަލާލައިފައި އަވަސް އަވަހަށް ކާއިނާތު އެރުވިއެވެ. އަދި ކާރަށް އަރާ ސްޓާޓު ކޮށްލިއެވެ. ދެންމެ ކޮޓަރި ތެރޭގައި ހިނގާ ދިޔަ ކަންތައް ހިތަށް އެރުމުން ކާއިނާތުގެ ހިތް ބާރަށް ތެޅިގަތެވެ. ވިދާދު އޭނަ ދެކެ ލޯބިވަނީ ބާއޭ ހިތާ ސުވާލު ކޮށްލިއެވެ. އެހާ ޖެހިލުން ކުޑަ ގޮތަކަށް ވިދާދުގެ އަމަލުތައް ހުރުމުން ޙައިރާން ވިއެވެ. ވިދާދަށް ކާއިނާތު ބަލާލިއެވެ. ވިދާދަކީ ރީތި ޒުވާނެކެވެ. އޭނަ ބޭނުންވާ ކަހަލަ މީހެކެވެ. އެކަމަކު އޭނަޔާ ވިދާދު އެކަށީގެން ވަނީ ކޮން ގޮތަކުން ހެއްޔެވެ. ވިދާދުގެ އާއިލާ އާއި ވިދާދުގެ މަގާމަކީ ކާއިނާތު ޖެހިލުންވާ ކަމަކަށް ވިއެވެ. އެފަދަ މީހެއްގެ ލޯބި ވެރިޔަކަށް ވާކަށް ކާއިނާތު ބޭނުމެއް ނޫނެވެ. އޭނަ ޔަކީ އާދައިގެ ނިކަމެތި އިންސާނެކެވެ. އެވިސްނުމުގެ ތެރޭގައި އިންދާ ވިދާދު ކާއިނާތު އަލަމާރިޔަށް ލީހަނދާން ވުމުން ކާއިނާތުގެ ކައިރިޔަށް ހިނި އައެެވެ. އޭނާ ވެސް ވިދާދު ބުނުމުން އަލަމާރި ޔަށް ވަދެފިލީމައި އެކަމާވެސް ހިނި އަންނަމުން ދިޔައެވެ. ދުވަހަކު ވެސް އެކަހަލަ ގޮތަކަށް އޭނަ އުލެފާނެ ކަމަކަށް ހިތަށް ވެސް ނާރައެވެ. އެކަމަކު ވިދާދު ހާސްވެފައި ހުރުމުން އިތުރަށް ހާސް ކޮށްލެވުނީމައި ކާއިނާތު ހިތް ހަަމަޖެހުނެވެ. ކާއިނާތު ހޭތަން ފެނުމުން ވިދާދު ވެސް ހިނިތުން ވެލިއެވެ.
"ކިހިނެއްވީ ތިހެނީ؟"ވިދާދު ސުވާލު ކޮށްލިއެވެ.
"އަންހެން ކުދިން ގެންގުޅެނީ ބައްޕަ އަށް ސިއްރުން ދޯ؟"ސަމާސާ ރާގަކަށް ކާއިނާތު އަހައިލިއެވެ.
"ނޫން. ގެޔަށް ކުދިންނެއް ނުގެންނަން. އޮޅިގެން ނަވެސް ގެޔަށް އައި ފުރަތަމަ ކުއްޖާތީ... ދެން ޖެހިލުން ވާނެދޯ.... ބުނެބަލަ ކީއްކުރަން ގެޔަށް އައީ.... ހަމަ ހާލު ބަލަންތަ؟"ވިދާދު ސުވާލު ކޮށްލިއެވެ. ކާއިނާތު އެއްވެސް އެއްޗެއް ނުބުނެ ހިމޭންވިއެވެ.
ދެންމެ ވިދާދު ޔާ އޭނަ ކުރި ސަމާސާ ގައި އޭނަގެ ބައްޕަ ވެސް ބައިވެރި ވުމުން އެކަން ކާއިނާތަށް މަޖަލަކަށް ވީއެވެ. އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާތީ އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ހިނިތުން ވެލިއެވެ. އޭނަގެ ބައްޕަ ނިޔާވި ފަހުން ހެވުނު ފުރަތަމަ ފަހަރު ކަމުން ކުޑަކޮށް ހިތް ހަމަޖެހިފައި އިނެވެ. އެއާ އެކީގައި ކާއިނާތުގެ ދެލޯ ފެންކަޅި ވިއެވެ. ވިދާދަށް ފެނިއްޖެއްޔާ އަނެއްކާ އިތުރު ސުވާލު ތަކެއް ކޮށްފާނެތީ އަނެއް ފަރާތައް މޫނު އަނބުރާ ލިއެވެ.
"މިއީ ތާރީހީ ރެއް."މަޑުމަޑުން ވިދާދު ބުނެލިއެވެ.
"ކީއްވެ؟ އަންހެން ކުއްޖަކު ބައްޕަ އަށް ފޮރުވަން އަލަމާރިޔަށް ލީމަތަ؟"ކާއިނާތު ވިދާދަށް ނުފެންނަ ގޮތަށް ލޮލުގެ ކަރުނަ ފުހެލަމުން އަހައިލިއެވެ.
"ވަކި އެހެން ވެގެން ނެއް ނޫން."ވިދާދު ބުނަން ބޭނުންވާ ޖުމްލަ ނުބުނެ އޭނަޔާހިސާބުގައި އެ ވާހަކަ ބޭއްވިއެވެ.
އޭނަ އަށް މިރޭ ތާރީޙީ ރެއަކަށް އެވީ ކާއިނާތު އޭނާގެ ގެޔަށް އައުމުން ނެވެ. ކޮންމެ ގޮތަކަށް އައި ކަމުގައި ވިޔަސް އެކަމާ ވިދާދު ހިތް ހަމަޖެހުނެވެ. އަވަސް އަވަހަށް ކާއިނާތު އަލަމާރި ތެރެއަށް ކޮއްޕާލި ކޮއްޕާލުން ވިދާދު ހިތަށް އެރިއެވެ. ކުއްލިޔަކަށް ކާރުގެ ބުރެކި ޖައްސާލާފައި ކާއިނާތަށް ބަލާލިއެވެ.
"އަނެއްކާ އެއްވެސް ތަނަކަށް ތަދުވިތަ؟"ވިދާދު ސުވާލު ކޮށްލިއެވެ. ކާއިނާތު ވިދާދަށް ބަލާލަމުން ބޯހޫރާލިއެވެ.
"ނަސީބެއް. ސޮރީ އިނގޭ."ވިދާދު މަޑުމަޑުން ބުނެލިއެވެ.
"ގެޔަށް އާދެވިއްޖެ."ކާއިނާތު ވިދާދަށް ބަލަން އިންގޮތަށް އިނދެފައި ބުންޏެވެ.
"އޯޙް. ނުވެސް އެނގިހުއްޓާ."ވިދާދު އަދި އިތުރަށް ކާއިނާތު އޭނަ ކައިރީގައި ބަހައްޓަން ބޭނުން ވެފައިވާ ކަހަލަ ރާގަކަށް ބުނެލިއެވެ.
ކާއިނާތު އިތުރު އެއްޗެއް ނުބުނެ ކާރުން ފޭބިއެވެ. އަދި މަޑުމަޑުން ހިނގާލައިފައި ގޮސް ގޭތެރެއަށް ވަނެވެ. ވިދާދު ކާއިނާތު ގޮސް ވަންނަން ދެން ބަލަހައްޓައިގެން އިނެވެ. ކާއިނާތު ދާކަށް އޭނަގެ ހިތެއް ނޭދެއެވެ.
ކާރު ޕާކު ކުރުމަށް ފަހު ޖާދު ގޭތެރެ އަށް ވަދެގެން ދިޔައެވެ. އޭނަގެ އަތުގައި އޮތް ފޯނުން ނަމްބަރަކަށް ބަލަމުންނެވެ. އެ ނަމްބަރަށް ޑައިލު ކުރަން އެތައް ފަހަރަކު އުޅެފިއެވެ. އެކަމަކު ޑައިލު ކުރާހާ ހިތްވަރެއް އޭނަ ޔަކަށް ނުލިބެއެވެ. ފޯނަށް ބަލަމުން ކުރިޔަށް ދަނިކޮށް ސިޓިންރޫމް ސޯފާގައި އިން ޔޫނުސް ފެނުނެވެ. ޖާދު ފޯނު ޖީބަށް ލިއެެވެ. އަދި ފާރުގައި ހަރުކޮށްފައިވާ ގަޑިޔަށް ބަލާލިއެވެ. 1 ޖަހަން ދަނީއެވެ.
"ތިއްތިބޭ."ޖާދު އަށް ބުނެވުނެވެ.
"ޖާދު... ދަރިފުޅު ނުފުރަންތަ؟ ތިއްތިބޭ ހީކުރީ ހަވީރު ފުރީ ކަމަށް." ޔޫނުސް އުފާވެރި ކަމާއި އެކީގައި ވާހަކަ ދެއްކިއެވެ.
"މާދަން ހެނދުނު ފުލައިޓް އޮތީ... މިހާރު ވިދާދުގެ ހުން ކިހިނެއްތޯ؟"ޖާދު އަހާލިއެވެ.
"ހުމޭ... އެއައީ ހުމުގެ ބޭސްގުޅަ ލިބޭއިރަށް ހުންފިލައިފި. އެއައީ ވަކި ކަމެއްގެ ހުމެއް ވިއްޔާ." ސަމާސާ ރާގަކަށް ޔޫނުސް ބުނެލިއެވެ.
"ތިބުނުއްްވީ؟"ޖާދު އަށް ޔޫނުސް ބުނި އެއްޗެއް ނޭނގުމުން އަހާލިއެވެ.
"އެއައީ ވަކި ވައްތަރެއްގެ ހުމެއް، ކާއިނާތު ކިޔާ ހުމެއް."ޔޫނުސް ބުންޏެވެ. ކާއިނާތުގެ ނަން އިވުމުން ޖާދު ޔޫނުސަށް ބަލަމުން ދިޔައެވެ. އެނަން އިވުމުން އޭނަގެ ހިތުގެ ވިންދު އަވަސްވި ކަހަލަ އެވެ.
"ކަ. ކާއިނާތު."ޖާދު އަށް ކާއިނާތުގެ ނަން ކިޔާލެވުނެވެ.
"އާން... ވިދާދުގެ ސެކެޓްޓުރީ އަކަށް މިހާރު އުޅެނީ ކާއިނާތު ކިޔާ ކުއްޖެ. ޖާދު އަކަށް އެކަމެއް ނޭނގޭތަ؟"ޔޫނުސް އަހައިލިއެވެ. ޖާދު ޙައިރާން ކަމާއި އެކީގައި ޔޫނުސަށް ބަލަމުން ދިޔައެވެ.
"ނޭނގޭތަ؟ އެހެންވިއްޔާ އެނގޭކަމަށް އަދި ނުހަދާތި، ތިއްތިބޭ މިވިސްނަނީ އެއީ ހިނގާ ކަމެއްވިއްޔާ އަވަހަށް އެދެކުދިން ގެ ކައިވެނި ކުރުވަން."ޔޫނުސް އުފާވެރި ރާގެއްގައި ބުންޏެެވެ.
ޖާދު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުން ވެލިއެވެ. އަދި އިތުރު ވާހަކަ އެއް ނުދައްކާ އެތެރެއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި ޖާދުގެ މަންމަ އާނިސާގެ ކޮޓަރި އާއި ދިމާ އަށް ބަލާލިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް އާނިސާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި މަޑުމަޑުން ހުޅުވާލިއެވެ. ކޮޓަރި ތެރޭގައި ވަނީ މަޑު ނޫ ކުލައިގެ ނިދާ ބޮތްކެއް ދިއްލާފައެވެ. ޖާދު އެތެރެއަށް ވަދެ ދޮރު މަޑުމަޑުން ލައްޕާލިއެވެ. އެނދުގައި ނިދާފައި އާނިސާ އޮތެވެ. ޖާދު ކުރިޔަށް ގޮސް އާނިސާގެ އެނދުގެ މަގަތުން އިށީނެވެ. ކަނބޮޑު ވެފައިވާ މީހެއްހެން މޫނުގައި އެއް އަތުން ފިރުމާލިއެވެ.
"ދަރިފުޅާ..."އިރުކޮޅެއްގެ ހިމޭން ވަގުތު ކޮޅަކަށް ފަހު ނިދި އަޑަކުން އާނިސާ ޖާދު އަށް ގޮވާލިއެވެ.
"ސޮރީ މަންމާ... އަޅުގަނޑު ހިޔެއްނުކުރަން މަންމަ އަށް ހޭލެވިދާނެ ކަމަކަށް."އަދަބު ވެރިކަމާއި އެކީގައި ޖާދު ބުންޏެވެ.
"މަންމަ އަށް އޮވެވެވުނީ ދެބަ ދޭތެރޭ ގައި، އެހެން ނޫނަސް މަންމަގެ ދަރިފުޅު ކަމަކާ ކަންބޮޑުވެފައި ހުއްޓާ މަންމަ އަށް ނިދޭނީ ކިހިނެއް؟ ބުނޭ ކޮންކަމަކާ ހާސްވެފައި ތިއިނީ؟ މިހާރު އަނެއްކާ ވެސް ތިއުލެނީ ކުރިން އުޅުނު ގޮތައް."އާނިސާ އެނދުން ތެދުވެ އިށީންނަމުން އަހާލިއެވެ.
"ތިއީ މަންމަ އަށް ހީވެލައްވާ ގޮތެއް..."ޖާދު އާދައިގެ ރާގެއްގައި ބުންޏެވެ.
"ނުވާނެ ކޮންމެ ވެސް ކަމެއް ވެއްޖެ."
"ކުއްލިޔަކަށް މިފަހަރުވެސް ފުރަން ޖެހޭތީ، މާލެ އައިސް މަޑު ނުޖެހި އަނެއްކާވެސް ދާން ޖެހޭތީ..."ކަންބޮޑު ވެފައިވާ ރާގެއްގައި ބުންޏެވެ.
"ދެން ދަރިފުޅު ދާން ހިތްހަމަ ނުޖެހެއްންޏާ ނުގޮސް މަޑުކުރޭ. ދާކަށް ކޮންމެހެން މަޖުބޫރުތަ؟"އާނިސާ ޖާދުގެ ބޮލުގައި ފިރުމާލަމުން އަހައިލިއެވެ. ޖާދު ހަމައެކަނި ހިނިތުން ވެލިއެވެ. އެވަގުތު ޖާދު ގެ ފޯނު ރިނގުވާން ފެށިއެވެ. ޖާދު ޖީބުން ފޯނު ނަގައި ބަލާލިއެވެ.
އާ ދުވަހަކަށް މަރުޙަބާ ކިޔަމުން އިރު އޭގެ ވާޖިބު އަދާ ކުރަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ހެެނދުނުގެ އިރު ދުނިޔެ މައްޗަށް ފާއްދާލުމަކީ އިންސާނާ ދެކަމެއްގެ ދޭތެރޭ އަށް ހުއްޓުވާކަމެކެވެ. އެއީ އެއްފުރުސަތު ފާއިތު ވެހިނގައްޖެ ކަމާއި ދެވަނަ ފުރުޞަތު ތަނަވަސް ވެފައިކުރިމަތީގައި އެބައޮތް ކަމެވެ. ކާއިނާތު އޭނާގެ ކުރިމަތީގައި އޮތް ފުރުސަތައް ވިސްނާލަނީ ކަން ނޭގެއެވެ. ފަތިސްނަމާދު ކޮށް ނިމިގެން އަދިވެސް މުސައްލަ މަތީގައި އިނީއެވެ. ރޭގައި އޭނާ ހެވުނު ވަރަށް ގިސްލާ ރޯން ވެސް ޖެހުނެވެ.
ގެޔަށް ކާއިނާތު ވަނީ ވިދާދަށް ދެވުނު ލަނޑު ހިތަށް އަރަމުން ހެވިފައި ހުރެގެން ނެވެ. އެގޮތަށް އޭނަ އުފާވެފައި ހީނުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. ބައްޕަ ވަކިވެގެން ދިޔައީ އޭނާގެ އުފާވެރި ހިނިތުން ވުން ވެސް ހިފައިގެންނެވެ.
ގޭތެރެއަށް ވަދެވުމުން ކާއިނާތަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ކުރިތީގައި ހުރި ސޯފާގައި އިރުފާން އިނުމުންނެވެ. ބައްޕަ ނިޔާވި ދުވަހުގެ ރޭ އެގެޔަށް އައިފަހުން އަދި އެފެނުނީއެވެ. އެރޭގެ ޒުވާބާއި ދެބަސްވުން ކާއިނާތު ހަނދާން ވެގެން ދިޔައެވެ. ރުޅިއައިސްގެން ކާއިނާތު ކޮއްޕާލި ކޮށްޕާލުން ހިތަށް އެރުމުން ކާއިނާތުގެ ލޯ ފެންކަޅި ވެގެން ދިޔައެވެ. އޭނާ އަށް އޯގާތެރި ކަމާއި ލޯތްބާއި އަޅާލުން ބޭނުންވި ވަގުތު އިރުފާން އޭނާ އަށް ދިނީ ފުރަގަހެވެ. ހިތުގެ ޖެހޭ އިބާރާތުން ބަސްބުނެ ރޮއްވާލީއެވެ. އިރުފާނަކީ އެކަހަލަ ޒުވާނެއް ކަމަކަށް ކާއިނާތު ހިތަށްވެސް އަރާފައެއް ނުވެއެވެ. އެރެ އެކޭ އެއްގޮތަށް ރޭގައި ވެސް އިރުފާން ގެ އަމަލުތައް ހުރީއެގޮތަށެވެ. އެވަގުތު އިރުފާންގެ މަގްސަދަކީ ކޮބައިކަމެއް ކާއިނާތަކަށް ނުވިސްނުނެވެ. އިރުފާންގެ ބާރުގަދަ ޒުވާން ދެއަތުން ކާއިނާތުގެ ކޮނޑުގައި ހިފައި އޭނާ އާއި ގާތް ކޮށްލީ ކޮން ބޭނުމަކުކަން އެނގުނީ ބުނެލި ޖުމްލައިންނެވެ. ކާއިނާތުގެ ދެލޯ ބޮޑުވެ މީހާ ހާސްވާ ގޮތް ވިއެވެ. އެވަގުތު ނުހާ އަށް ކޮޓަރި ތެރޭން ސިޓިންރޫމަށް ނިކުމެވުނީ އޭނާޔަށް އޮތް ރަޙުމަތެއްގެ ބޮޑުކަމުން ކަންޔަގީނެވެ. އެހެން ނޫންނަމަ ކާއިނާތު މީހަކަށް މޫނު ދައްކާލާކަށް ވެސް ނުކެރޭނެއެވެ. މީހަކަށް ކީއްކުރަން ހެއްޔެވެ. އޭނަގެ އަމިއްލަ ސިފަވެސް ލޯގަނޑު ބަލާލާކަށް ނުކެރުނީހެވެ.
ކަރުނައިން ފުރިފައިވާ ދެލޯ ކާއިނާތު މަރާލިއެވެ. އަމިއްލަ ނަސީބާ މެދު ވިސްނާލިއެވެ. އިރުފާން ކަހަލަ ހަރުކަށި މީހަކާ ގުޅިގެން ކާއިނާތަށް މުސްތަގްބަލެއް އޮތް ތޯ އޭނާގެ ޒަމީރު އޭނަޔާ ސުވާލު ކުރަމުން ދިޔައެވެ. ހިތުގައި ފޮރުވައިފައިވާ ލޯތްބަށް ފިލަން ކާއިނާތު ނިންމި މިނިންމުމުގެ ނަތީޖާ ދާނީ ކިހިނެއް ކަންނޭނގޭތީ ކާއިނާތު ހަށިފުރާ ނޭވާ އެއްލިއެވެ. އެ މާޒީ ހަނދާން ވުމުން ހިތުގައި ދިލަ ރިހުމެއް އުފެދިގެން ދެއެވެ. އެނަން ހިތަށް އަރާ ކޮންމެ ފަހަރުކު ހިތް ބާރަށް ވިންދު ޖަހަމުން ދިޔައެވެ. ވަކިވެގެން ދަމުން ބުނެލި ޖުމްލަ ކަންފަތުގައި ގުގުމާލިއެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެން ނަށްޓަކާ ކާއިނާގެ ހަޔާތް ބަރުބާދު ވާކަށް، އިންތިޒާރު ގައި އުމުރު ހޭދަ ކުރާކަށް، އަހަރެން މިދަނީ އެނބުރި އާދެވޭނެ ކަހަލަ ތަނަކަށް ނޫން...."
ކާއިނާތަށް އެޖުމްލަ އިވެގެންދިޔައީ ދެންމެ މީހަކު ބުނެލި ޖުމްލަ އެއްގެ ގޮތުގައިއެވެ. ކާއިނާތު ދެލޯ މަރާލިއެވެ.
"މިޒާން...."މަޑުމަޑުން ކާއިނާތު ބުނެލިއެވެ.
"އަހަރެން އިންތިޒާރެއް ނުކުރަން، ނުވެސްކުރާނަން، އެކަމަކު ތިލޯތްބަށް އަހަރެން ދޭނީ ކޮންނަމެއް؟ މިޒާނަށް ބޭވަފާތެރި އެއްގެ ނަން ދޭކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު ތިނަން ހިތަށް އަރާ ކޮންމެ ފަހަރަކު މިހިތުގައި ރިއްސާލާ، އިންތިޒާރު ކުރަން ބޭނުން ނޫނަސް ހިތް އެބަ އިންތިޒާރު ކުރޭ. އިރުފާން އާއި ގުޅެން މަޖުބޫރު ވީވެސް ހަމަ ތިލޯތްބަށް ޓަކާ، ތިލޯބި ހިތުން ފުހެލަން، އެކަމަކު އިރުފާންގެ އަމަލުތަކުން އިތުރަށް މިހިތުގައި ތިލޯބި ތާޒާ ވަމުން މިދަނީ، އަހަރެން ކިހިނެއް ހަދަންވީ؟" ކާއިނާތުގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އޭނަ ރޯކަށް ބޭނުމެއް ނޫނެވެ. އެކަމަކު ހިތް އަޑުން އަޑުނަގައި ގިސްލަމުން ދިޔައެވެ. އެހެން ކާއިނާތު ވިސްނަން އިންދާ ދޮރުގައި ޓަކި ޖަހާލަމުން ނުހާ އެތެރެ އަށް ވަނެވެ. ކާއިނާތު އަވަސް އަވަހަށް ދެލޯ ފުހެލިއެވެ.
"މިއަދު އޮފީހަށް ނުދަނީތަ؟"ނުހާ އެނދުގައި އިށީންނަމުން އަހާލިއެވެ.
"މޫޑެއް ނެތް."މުސައްލަ އޮޅާލަމުން ބުންޏެެވެ.
"ކާއިނާ ވިދާދުގެ ލޯބި ގަބޫލު ނުކޮށް ތިއުޅެނީ އިރުފާނަށް ޓަކާ ދޯ. އެ ކަހަލަ މީހަކާ ގުޅިގެން އުޅޭނީ ކިހިނެއް؟ ނަސީބެއް އަހަރެންނަށް ރޭގަ ވެސް މިގޭގައި ހުރެވުނު ކަން. އެކަމަކު އަބަދު ކިހިނެއް ހުންނާނީ."ނުހާ ކާއިނާ އަށް ބުންޏެވެ. އެނދުގެ އެއްފަރާތުގައި އިށީނދެ ހަމަޖެހިލަމުން ފުންނޭވާ އެއް ލިއެވެ.
"ފިލައިގެން އުޅޭނީ ކިހިނެއް؟އެހެން ނޫނަސް ވިދާދު އާއި އަހަރެން ގުޅޭނެ ގޮތެއް ބުނެބަލަ. އެއީ ރާޖޭގެ ހުރި އެންމެ މުއްސަނދި މީހާގެ ދަރިއޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެންނަށް ބަލާބަލަ. އަހަރެން މިއީ އާދައިގެ އިންސާނެ." ކާއިނާތު ބުންޏެވެ.
"ލޯތްބައް މުއްސަނޖެއް ފަގީރެއް އޮވޭތަ؟ވިދާދު ކާއިނާތު ދެކެ ހަޤީގަތުގައި ވެސް ލޯބިވޭ."ނުހާ ކާއިނާތަށް ވިސްނާދޭ އުޅުނެވެ.
"އެއީ ލޯތްބެއް ނޫން ނުހާ. ގޮތް ދޫނުކުރުން. ކިހިނެއް ވިދާދަށް އަހަރެން ދެކެ ލޯބިވެވޭނީ. އޭނަޔާ އަހަރެން ދިމާ ވީ އިހަކަށް ދުވަހު، މީގެ ކުރިން އޭނަޔަށް ވެސް ނޭނގޭނެ އަހަރެން މިއީ ދުނިޔޭގައި އުޅޭ މީހެއް ކަމެއް ވެސް. ލޯތްބަކީ ހުރެފައި ވެވޭ އެއްޗެއް ނޫން ނުހާ."ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ.
"އެހެން ވިއްޔާ ކިހިނެއް ނުފެނި ކާއިނާ އަށް މީހެއް ދެކެ ލޯބިވެވުނީ، އަދި ވެސް ތިއުޅެނީ އެސޫރަ ސިފަވެސް ނުކުރެވިގެން، ފޯނުން އިވުނު އަޑަކަށް ހިތް ދީގެން. ބުނެބަލަ."ނުހާ ކާއިނާތުގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. ކާއިނާތު ހަށި ފުރާ ނޭވާ އެއް ލިއެވެ.
"އޭނަ ނުފެނުން އެއީ އަހަރެންގެ ބަދުނަސީބު، އެކަމަކު އޭނަގެ ލޯތްބަކީ އޮޅުވާލުމެއް ނޫން... މަޖުބޫރު، އޭނަ ގަސްތުގައި އަހަރެންގެ ކުރިމައްޗަށް ނޭރީކީ ނޫން... ވަގުތު ތަންނުދިނީ."ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ.
"4 އަހަރު ފާއިތުވެގެން ދިޔައީ އަންނަން ދިޔަ މީހަކު އަންނަން ވެޖެއް އެއްނުން."ނުހާ ހަމަޖެހިލެވޭތޯ ބެލިއެވެ. އޭނަ އެދައްކާ ވާހަކަ ކާއިނާތަށް ގަބޫލު ކުރަން އުނދަގޫ ވާނެކަން ނުހާ އަށް އެނގެއެވެ.
"ކާއިނާ... އިންތިޒާރުގައި އުމުރު ހޭދަނުކުރޭ، މިހާރު ކާއިނާ އަށް އެހީވާނެ މީހަކު ހުރީކީ ނޫން... ވިދާދުގެ އަތުގައި ހިފާ... އޭނަ ކާއިނާ ދެކެ ލޯބިވޭ..."ނުހާ ހިމޭން ރާގެއްގައި ބުންޏެވެ. ކާއިނާތު އެއްކޮލުން ހިނިތުން ވެލިއެވެ.
ކޮމެންޓް