ލިޔުނީ: މަރިޔަމް މޫސާ
މަށަށް އަޅެ ހޭލާ ހުއްޓާވެސް ހުވަފެން ފެންނަނީތަ؟ ހުންގަދަ ކަމުން ހުން ބޮލަށް އެރީ ތޯއްޗެއް. ކާއިނާ މިތަނަށް އަންނާނީ ކިހިނެއް؟"ދެފަރާތައް ބޯ ހޫރާލަމުން ވިދާދު ބުނެލިއެވެ. އަދި ޔަގީން ކުރަން މަޑުމަޑުން ކާއިނާތުގެ ބޮލުގައި އަތްޖައްސާލިއެވެ.
"ހަމަ ރަނގަޅަށް ވެސް މިއީ ހުވަފެނެއް ނޫން."މަޑުމަޑުން ވިދާދަށް ބުނެލެވުނެވެ.
"ޔާރައްބީ ބައްޕަ އަށް ފެނި ލައްވާފިއްޔާ ދެން ވާނީ ކިހިނެއް؟"ވިދާދު ތެޅިގަތެވެ. އަދި މަޑުމަޑުން ކާއިނާތުގެ އަތުގައި ކޮއްޓައިލިއެވެ. ކާއިނާތު ބޯހިއްލާލަމުން ވިދާދަށް ބަލައިލިއެވެ.
"ހޭލެވުނީ ދޯ، ހުން މިހާރު ކިހިނެއް؟"ކާއިނާތު ވިދާދުގެ ކަރު ދަށުގައި އަތް ޖައްސާ ލަމުން އަހައިލިއެވެ. ކާއިނާތު އެގޮތަށް ވިދާދުގެ ގައިގައި ބީހިލުމުން ވިދާދަށް އުފާވެރި ގޮތަކަށް ހިނިތުން ވެލެވުނެވެ. އެކަމަކު ހަމަ އެނހިދުކޮޅުގައި މީހާ ހާސްވާ ގޮތްވިއެވެ. ވިދާދު ގަޑިޔަށް ބަލައިލިއެވެ. ރޭގަނޑު 12 ޖަހަން ދަނީއެވެ.
"ހުން މިހާރު ރަނގަޅު. މިތަނުގައި، މިގަޑީގައި، ކީއްތިކުރަނީ؟" ވިދާދު އަވަސް އަވަށް ސުވާލު ކޮށްލިއެވެ.
"ކީކޭ؟"ކާއިނާތު ވެސް އަހައިލިއެވެ.
ގޭތެރޭން އަލްމޭރު އާއި ޔޫނުސްގެ އަޑު އިވުމުން ވިދާދު ކަންތައް ބޮޑު ވިއެވެ. އަދި ބައްޕަ ކޮންމެ ވަގުތެއް ގައިވެސް ކޮޓަރިޔަށް ވަދެދާނެ ކަމުގެ ބިރު އޮތެވެ. އަވަސް އަވަހަށް ގައިމަތީގައި އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލައިފައި އެނދުން ތެދުވެ ކާއިނާތުގެ އަތުގައި ހިފިއެވެ. ކާއިނާތު ޙާއިރާން ކަމާއި އެކީގައި ވިދާދަށް ބަލަމުން ދިޔައެވެ. ވިދާދު ކުރަން އެއުޅޭ ކަމެއް ނޭނގޭ ތީއެވެ. ކާއިނާތުގެ އަތުގައި ހިފައިގެން އަލަމާރި ކައިރިޔަށް އައެވެ. އަދި އަލަމާރި ދޮރު ހުޅުވާލައިފައި ކާއިނާތަށް ބަލައިލިއެވެ.
"ބައްޕަ ކޮންމެ ވަގުތެއް ގަވެސް ކޮޓަރިޔަށް ވަދެދާނެ. ކާއިނާ މިތަނަށް ވަދެ ފިލާ. ބައްޕަ އަށް ފެނިއްޖެއްޔާ ދުވަސް ދިޔައީ."ވަރަށް މަޑުމަޑުން ވައިއަޑުން ވިދާދު ކާއިނާތަށް ބުންޏެވެ.
ވިދާދު ހުރީ ކާއިނާތު އާއި ވަރަށް ކައިރީގައި ކަމުން ވިދާދުގެ ނޭވާގެ ހޫނުކަން ކާއިނާތަށް އިޙްސާސް ވަމުން ދިޔައެވެ. ވިދާދު ގަނެފައި ހުރި ބިރު ފެނުމުން ކާއިނާތު ކައިރިޔަށް ހިނިއައެވެ. އަދި އޭނަ އަށް ކޮށްފައި ހުރި ގޯނާ ހިތަށް އަރުވައި ލިއެވެ. ވިދާދަށް ލަނޑެއް ދޭން ކާއިނާތުގެ ހިތަށް އެރިއެވެ. އަދި ހަމަޖެހި ލަމުން ވިދާދަށް ބަލާލަމުން ފުންނޭވާ އެއް ލިއެވެ. ވިދާދުގެ މޫނަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ވިދާދަށް އޭނަގެ ބައްޕަ މަތިން ހަނދާން ނެތުނު ކަހަލައެވެ. މަޑުމަޑުން ކުރިޔަށް ވުރެން ވެސް ބޮޑަށް ކާއިނާތު އާއިކައިރި ވެލިއެވެ. ކާއިނާތު މަޑުމަޑުން ފަހަތަށް ޖެހިލި ވަގުތު އަލަމާރީގެ ދޮރު ހުޅުވައިފައި ހުރުމުން އެތެރެއަށް އަރި އަޅައިލިއެވެ. އެވަގުތު ވިދާދު އޭނާގެ އަތުގައި ހިފާ ވެއްޓުނަ ނުދީ ގެނެސް ވިދާދު އާއި ގާތް ކޮށްލިއެވެ. އޭރުވެސް ދެމީހުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ.
"އަހަރެން ދެކެ ލޯބިވާ ކަން މިއަދު އިޙްސާސް ވެއްޖެ." ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނަޔާ ކާއިނާތު ގާތް ކޮށްލަމުން ބުންޏެވެ.
"ބައްޕަ ދުރުވެދާނެތީ ބިރެއް ނުގަނޭތަ؟"ކުއްލިޔަކަށް ކާއިނާތު ބުނެލިއެވެ. ކާއިނާތު އެހެން ބުނުމުން ވިދާދު ތެޅިގަތެވެ. އަދި އަވަސް އަވަހަށް ކާއިނާތު އަލަމާރިޔަށް ލާން އުޅުނެވެ.
"ޕުލީޒް އެތެރެއަށް ވަދެފިލާ. ހަމައެކަނި މިވަގުތައް، އަހަރެން ފަހުން ކާއިނާ ގެންގޮސް ދޭނަން. ޕުލީޒް."ވިދާދު ހާސްކަމާއި އެކީގައި ބުންޏެވެ. ކާއިނާތު ބަނޑަށް ހެމުން ދިޔައެވެ. އެކަމަކު މިފަހަރު ވިދާދަށް ލަނޑެއް ދޭން ބޭނުން ވާތީ އަލަމާރި ތެރެއަށް ވަނެވެ.
"މިއީ އަހަރެން ކުރިކަމެއް ނޫން. އެކަަމަކު ނޭނގެ ކީއްވެގެން ކަމެއް." ކާއިނާތު ހިތާހިތުން ބުނެލިއެވެ.
"ކީއްކުރަން އަހަރެން ފިލަން ވީ؟"ކާއިނާތު އަހައިލިއެވެ.
"ޕުލީޒް."ވިދާދު އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ކުރީ ރޭ އަހަރެންނަށް ހެދީ ކިހިނެއް؟"ކާއިނާތު ވިދާދު އާއި ކައިރި ވެލަމުން ބުނެލިއެވެ. ވިދާދު ހިނިތުން ވެލިއެވެ.
"ކިހިނެއް؟އަހަރެން ކުރި ކަންތައް ކުރަން ކެރޭނެތަ؟"ހަމަޖެހިލަމުން ވިދާދު އަހައިލިއެވެ. ކާއިނާތު ދެލޯ އަޅައިލިއެވެ.
"އެކަމަކު މިވަގުތަކު ނޫން. ޕުލީޒް."ވިދާދު ދޮރާއި ދިމާ އަށް ބަލާލަމުން ބުންޏެވެ.
"އަހަރެން އެރޭ ލަދުގަންނާނެ ވަރު ވިދާދު ހިތަށް އެރިތަ؟"އަނެއްކާ ވެސް ވިދާދު އާއި ކައިރި ވެލަމުން ކާއިނާތު ބުނެލިއެވެ.
"ނޫން. އެކަމަކު އެރޭ އަހަރެން "ކިސް" ކުރީ ވަރަށް ލޯބިން. އެގޮތަށް "ކިސް" އެއް ދޭން ކެރޭނެތަ؟" ވިދާދު ކާއިނާތުގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. ކާއިނާތު ދެލޯ އަޅައިލިއެވެ.
"އެގޮތަށް "ކިސް" އެއް ވަރަށް ބޭނުން. އެކަމަކު މިވަގުތު ފިލާ ޕުލީޒް." އާދޭހުގެ ރާގެއްގައި ވިދާދު ބުންޏެވެ. ކާއިނާތު ވިސްނައިލިއެވެ.
"ޝަރުތެއްގެ މަތިން. އަހަރެން ފިލައިފިއްޔާ އަހަރެންނަށް ގޯނާ ކޮށްގެން ނުވާނެ. އޮފީހަށް ދާން މަޖުބޫރު ކޮށްގެން ނުވާނެ. އަހަރެން ބޭނުން ވަނީ އޮފީހުން ކެޑެން. އެއްބަސްތަ؟"ކާއިނާތު ވިސްނާލަމުން އަހައިލިއެވެ.
"އެކަމަކު ކިހިނެއް ތިހުރިހާ ޝަރުތެއް ގަބޫލު ކުރާނީ. ތިއީ ބަދަލު ހިފިޔަސް ބޮޑުވަރު."ވިދާދު ބުނެލިއެވެ.
"ދެން އެހެން ވިއްޔާ ނުފިލާނަން."ކާއިނާތު ހަމަޖެހިލިއެވެ. ބޭރުން ޔޫނުސްގެ އަޑު އައީ ހައްތަހާ ގާތް ވަމުން ނެވެ. ވިދާދުގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
"އޯކޭ އެއްބަސް."ވިދާދު އަވަސް އަވަހަށް ބުނެލަމުން ކާއިނާތު އަލަމާރި ތެރެއަށް ކޮށްޕާލިއެވެ.
"އައްދިއްޔޯއި ތަދުވެއްޖެ."ކާއިނާތު ރުޅިއައިސްފައި ބުންޏެވެ.
"ސޮރީ..."
ޔޫނުސް ދޮރު ހުޅުވާލި ތަނުން އަވަސް އަވަހަށް ވިދާދު އަލަމާރި ދޮރު ލައްޕާ ލިއެވެ. ޔޫނުސް ޙައިރާން ކަމާއި އެކީގައި ކޮޓަރި ތެރެއަށް ބަލައިލިއެވެ. ކާއިނާތު ފެންނަން ނެތުމުން ނެވެ. އެވަގުތު އަލަމާރި ދޮރުގެ ބޭރުން ކާއިނާތުގެ އިސްތަށިގަނޑު ތަންކޮޅެއް ޔޫނުސް އަށް ފެނުނެވެ. ޔޫނުސް ކައިރިޔަށް ހިނި އައެވެ. އެކަމަކު އެކަން ވިދާދަށް އެނގުނަ ނުދީ ހަމަޖެހިލިއެވެ. ވިދާދަކީ ކިތަންމެ ތަނަވަސް ހިޔާލެއްގެ ވެރިޔަކަސް މިފަހަރު އެކުރީ ކުޑަ ކުދިން ކުރާކަމެއް ކަމުން ޔޫނުސް ބަނޑަށް ހީހީ ހަލާކު ވާވަރު ވިއެވެ. އަދި އޭނަގެ އެ ކުޑަކުދިންގެ އަމަލުގައި ކާއިނާތު ބައިވެރިވީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ. ކާއިނާތު އެގެޔަށް ގެނައީ އޭނައެވެ. ދެން ފިލުމުގެ ބޭނުމަކީ ކޮބައިތޯ ހިތާ ސުވާލު ކޮށްލިއެވެ.
"ދަރިފުޅާ. ހޭލެވުނީތަ؟ މިހާރު ހުން ކިހިނެއް؟"ވިދާދު އާއި ކައިރި ވެލަމުން ކަރު ދޮށުގައި އަތް ޖައްސާ ލިއެވެ.
"މިހާރު އޯކޭ."ވިދާދު އަވަސް އަވަހަށް ބުންޏެވެ.
"އަދި އެއްވެސް އެއްޗެއް ނުކަންދޯ."މޭޒުމަތީގައި ހުރި ތަބަކަށް ބަލާލައިފައި އަހާލިއެވެ.
"އާން. ދެންމެ މިހޭލެވުނީ."ވިދާދު ޖަވާބު ދިނެވެ.
"ކައިގެން ނިދައްޗޭ. ހުސްބަނޑާ މިއަދު ހަތަރު ދަމު ތިއޮތީ. ބައްޕަ އަށް ހީވަނީ ދެން ދަރިފުޅަށް ކާއެއްޗެއް ކެވިދާނެހެން. އިހަށް ފާޙާނާ އަށް ވަދެ މޫނު ދޮވެ ލައިގެން އާދޭ."ޔޫނުސް ވިދާދުގެ ބުރަކަށީގައި ފިރުމާ ލަމުން ބުންޏެވެ. ވިދާދު ދާން ނުދާން ހުއްޓެވެ. އަލަމާރި ކައިރިން ދުރަށް ދާކަށް ވިދާދު ބޭނުމެއް ނޫނެވެ.
"ދަރިފުޅާ. އިހަށް ތާހިރު ވެލައިގެން އަންނަން ދޭ."ޔޫނުސް ވިދާދު އެތަނުން ފޮނުވާލަން ވެގެން އަނެއްކާ ވެސް ބުނެލިއެވެ.
ވިދާދު އަލަމާރިޔާ ދިމާއަށް ބަލާލިއެވެ. އެތެރޭ ގައި ކާއިނާތު އޮންނާނެ ހާލެއް ވެސް ނޭނގޭ ތީއެވެ. އެކަމަކު އެކަހަލަ ވަގުތެއް ގައި ކުރެވޭނީ ވެސް ކޮން ކަމެއް ހެއްޔެވެ. އެގެޔަށް ކާއިނާތު އައީ ކިހިނެއް ބާއޭ ވިދާދު ހިތަށް އަރަމުން ދިޔައެވެ. އަދި ޔޫނުސް އެތަނުގައި ދުރަށް ނުގޮސް ހުރުމުން މަޑުމަޑުން ވިދާދު ގޮސް ފާޙާނާ އަށް ވަނެވެ. ފާހާނާ ދޮރު ލައްޕާ ލުމުން ޔޫނުސް އަލަމާރި ދޮރު ހުޅުވާލިއެވެ. ކާއިނާތު އަލަމާރި ތެރޭގައި އިށީންދެގެން އިނެވެ. ޔޫނުސް ފެނުމުން ލަދުވެތި ގޮތަކަށް ހިނިތުން ވެލިއެވެ. ޔޫނުސް ވެސް ހިނިތުން ވެލިއެވެ. އަދި ބުމަ އަރުވާލާފައި ކިހިނެއް ވަނީތޯ ސުވާލު ކުރާ ކަހަލަ ގޮތެއް ހަދާލިއެވެ. ކާއިނާތު ލަދުން ގޮތަކަށް ހީނިތުންވެލައިގެން އިނެވެ.
"އަލަމާރި ޔަށް ވަންނަން ޖެހުނީ ކިހިނެއްވީ؟"ޔޫނުސް ސިއްރު ސިއްރުން ސުވާލު ކޮށްލިއެވެ.
"ބޮސް ބުނުއްވީމަ. ބައްޕަ އަށް ފެނިލައްވަ ފާނެތީ."ލާނެތް ރާގެއް ގައި ކާއިނާތު ބުނެލިއެވެ.
ކާއިނާތު އެހެން ބުނުމުން ޔޫނުސް ހިނިތުން ވެލިއެވެ. އަދި އަލަމާރި ދޮރު ކާރިކޮށްލިއެވެ. އަނެއްކާ ވެސް ދޮރު ހުޅުވާލިއެވެ. ކާއިނާތު ސިހުނެވެ. ޔޫނުސް ވިސްނާލަމުން ފާޙާނާ އާއި ދިމާއަށް ބަލާލިއެވެ. އަދި ކާއިނާތަށް ބަލާލިއެވެ.
"ތިދެކުދިން އުޅެނީ ރައްޓެހި ވެގެންތަ؟"ޔޫނުސް ވިސްނާލަމުން ޝަކުވެފައިވާ ރާގެއްގައި އަހާލިއެވެ. ކާއިނާތު ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރާލިއެވެ.
"އޯޙް. ދެން ވިދާދު ކާއިނާތު އަލަމާރި ޔަށްލާ ފޮރުވީ ކީއްވެ؟"ޔޫނުސް ޝައްކުގެ ނަޒަރަކުން ބަލާލަމުން އަހާލިއެވެ.
"ބިރުން. ބައްޕަ އަށް ފެނިލައްވަފާނެތީ."ކާއިނާތު މަޑުމަޑުން ހިމޭން ރާގެއްގައި ބުނެލިއެވެ.
"އޯޙް. އެހެން ވީމަ މިއީ ފުރަތަމަ ފަހަރު ނޫން ކަން ނޭނގެ. އޯކޭ." ވިސްނާލަމުން ޔޫނުސް އަލަމާރި ދޮރު ލައްޕާލިއެވެ. ލާނެތް ގޮތަކަށް ހިނިތުން ވެލިއެވެ. ވިދާދު ފާޙާނާ އިން ނިކުތުމުން ޔޫނުސް ހިނިތުން ވެލިއެވެ.
"މިހާރު ހުމެއް އެއް ގޮތަކަށް ވެސް ނެތްދޯ. ބައްޕަ އަށް ފެންނަނީ ހެދުން ވެސް ބަދަލުކޮށްލަން. ބައްޕަ ހެދުމެއް ނަގާދޭނަން."ޔޫނުސް އަލަމާރިގެ ދޮރުގައި ހިފާލަމުން ބުނެލިއެވެ. ވިދާދު ބާރަށް އައިސް އަލަމާރި ހުޅުވިޔަ ނުދީ ހިފަހައްޓާލިއެވެ.
"ނޫން ބައްޕާ. މިހެދުން ރަނގަޅު. އަޅުގަނޑު ފަހުން އެއްޗެހި ބަދަލު ކުރާނަން."ވިދާދު އަވަސް އަވަހަށް ބުނެލިއެވެ. ޔޫނުސް ހިނިތުން ވެލިއެވެ.
"ބައްޕަ އަށް ހީވަނީ އަލަމާރީ ގައި އަނގުބޮޑު އެއްޗެއް ފޮރުވާގެން ހެން ތިއުޅެނީ." ލާނެތް ރާގަކަށް ޔޫނުސް އަހާލިއެވެ.
"އާން.... ނޫން. އަންނައުނު ހުންނާނީ. އެއްވެސް އެހެން އެއްޗެއް ނުހުންނާނެ. ބައްޕާ މިހާރު ވަރަށް ދަން ވެއްޖެ އަވަހަށް ނިދަން ދުރުވޭ."އަވަސް އަވަހަށް ވިދާދު ބުނެލިއެވެ.
ޔޫނުސް ލާނެތް ގޮތަކަށް ހިނިތުން ވެލިއެވެ. ދަރިފުޅު އަދިވެސް ބޮޑުނުވާތީ ހިނި އައީއެވެ.ފުރާވަރުގެ އުމުރުގެ ކުދިން ކުރާ ކަންތައް ކުރީމައި ޔޫނުސް އަށްވެސް އޭނަގެ ފުރާވަރު ހަނދާން ވެގެން ދިޔަ ކަހަލައެވެ. ޔޫނުސް ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ވިދާދު ބާރަށް ގޮސް ދޮރު ތަޅު ލިއެވެ. އަދި އައިސް އަލަމާރި ދޮރު ހުޅުވާ ލިއެވެ. އޭރު މޫނަށް ފިނިކުރުމަށް އަތުން މޫނާ ދިމާއަށް ވިހެލަ ވިހެލާ ކާއިނާތު އިނެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފައި މަޑުމަޑުން އަލަމާރިން ނެރުނެވެ. ކާއިނާތު ހަމަޖެހުމުގެ ނޭވާ އެއް ލިއެވެ.
"ކިރިޔާނުން މަރު ނުވީ."ކާއިނާތު ބުނެލިއެވެ.
"މިގެޔަށް އައީ ކިހިނެއް؟"ވިދާދު ސުވާލު ކޮށްލިއެވެ.
"ކާރުގައި."ކާއިނާތު ގަސްތުގައި ބުނަން ބޭނުން ނުވެގެން ބުނެލިއެވެ.
"ކާކު މިކޮޓަރިޔަށް ގެނައީ؟"ވިދާދު ސުވާލު ކޮށްލިއެވެ.
"ހޯދީ."ހަމަޖެހިލަމުން ކާއިނާތު ބުންޏެވެ.
"ކީއްކުރަން އައީ؟"ވިދާދު އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.
"ވިދާދު ބަލިވެ އުޅޭތީ ގޮވާލަން." ސޯފާ ކައިރީގައި އޮތް ހޭނޑްބޭގު ނަގަން ހިނގައިގަންނަމުން ކާއިނާތު ބުނެލިއެވެ. ވިދާދު ކާއިނާތުގެ އަތުގައި ހިފައި އޭނާ އާއި ދިމާއަށް ދަމައިގަތެވެ. އެއްވެސް ބާރެއް ނެތި ގޮސް ވިދާދުގެ އަތު ތެރެއަށް ވަދެވުނެވެ. ވިދާދު ކާއިނާތުގެ އުނަގަނޑުގައި އޭނާގެ ޒުވާން ދެއަތުން ހިފަހައްޓާ ލިއެވެ. ކާއިނާތު ވިދާދު އާއި ދުރަށް ދާން ތެޅިގަތެވެ.
"މިގެއަށް ތިއައީ ހަމަ ގޮވާލަންތަ؟"ހިމޭން ރާގެއްގައި ވިދާދު އަހާލިއެވެ.
"އަހަރެންގެ އަތުން ދޫކޮށްލާ... އަހަރެން ބުނި ޝަރުތު ތައް ވިދާދު ގަބޫލު ކުރީމައަހަރެން ފިލީ."ކާއިނާތު އަވަސް އަވަހަށް ބުންޏެވެ.
"އެހެން ކިހިނެއް އެހާ އަވަހަށް ގަބޫލު ކުރާނީ؟ ކާއިނާ ލޯބި ނުވިޔަސް އަހަރެން ލޯބިވެއޭ."ވިދާދު ކުރިޔަށް ވުރެން ވެސް ބޮޑަށް ކާއިނާތު އޭނާ އާއި ގާތް ކޮށްލަމުން ބުނެލިއެވެ.
"އެރޭ މަގުމަތިން ދިމާވި ކަންތަކަށް ސޮރީ، ކެފޭއަށް ޕޮލިސް ގެނައީމަ، އެކަމަށް ވެސް ސޮރީ. އަހަރެން ދޫކޮށްލާ، ޕުލީޒް."ކާއިނާ ވިދާދު އާއި ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ބުނެލިއެވެ. ވިދާދު ހިނިތުން ވެލިއެވެ.
"އެކަންތަކަށް އަހަރެން މާފު ކުރިތާ ކޮން ދުވަހެއް. އެކަމަކު ކާއިނާ ކުރި ވައްކަމަށް އަހަރެން ކިހިނެއް މާފު ކުރާނީ؟"ވިދާދު ބުނެލިއެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައި ވިދާދަށް ބަލާލިއެވެ. ވިދާދު ހުރީ ލާނެތް ގޮތަކަށް ހިނިތުން ވެލައިގެންނެވެ.
"ވައްކަމޭ؟"ކާއިނާތަށް ބުނެވުނެވެ.
ކޮމެންޓް