ލިޔުނީ: މަރިޔަމް މޫސާ
މުނީރާ؟"އުމަރު ރިޒާ މަޑުމަޑުން މުނީރާގެ ނަން ކިޔާލިއެވެ.
"ރިޒާ، މުނީރާ ވަރަށް ހޫނު."ޒަރީނާ މުނީރާގެ ނިތްކުރީގައި އަތް ޖައްސާލަމުން ބުންޏެެވެ. އުމަރު ރިޒާ ވެސް މުނީރާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އަދި އަވަސް ހަރަކާތަކާއި އެކީގައި ތެދުވެ މުނީރާ އޭނަގެ އަތްތަނޑިމައްޗަށް އުފުއްލާލިއެވެ. އަދި ދެވޭނެ އެންމެ ބާރަކަށް ގޮސް މުނީރާ އާއި އޭނަގެ ނިދާ ކޮޓަރިޔަށް ވަނެވެ. ފަހަތުން ޒަރީނާ ވެސް ދިޔައެވެ. އެވަގުތު ސިޑިން އަރަގެން ޝާރިފް އާއި ޝާފީ އައެވެ. ޝާރީފްގެ އަތުގައި އޭނަގެން ގުޅޭ ބުޅާ އޮތެވެ. އޭނަގެ މަންމަ ޒަރީނާ ހާސްކަމާއި އެކީގައި ކޮޓަރިޔަށް ވަންމަންޒަރު ފެނުމުން ޝާފީ އާއި ޝާރިފް އެކަކު އަނެކަކަށް ބަލާލިއެވެ.
"ބޮޑުމަންމަ އަށް ކަމެވީކަން ނޭނގެ."ޝާފީ ހާސްވެފައިވާ ރާގަކަށް ބުންޏެވެ. ޝާރިފް އަތުގައި އޮތް ބުޅާ ކާޕެޓްމައްޗަށް ދޫކޮށްލުމަށްފަހު ދުވެފައި ގޮސް މުނީރާގެ ކޮޓަރިޔަށް ވަނެވެ.
"ބޮޑުމަންމަ އަށް ކިހިނެއްވީ؟"ޝާރިފް ހާސްވެފައިވާ ރާގެއްގައި އަހާލިއެވެ.
"ދަރިފުޅާ ސުވާލު ނުކޮށް ދޭބަލަ ޝަމްސިއްޔާތައް ގޮވައިގެން އަންނަން."ޒަރީނާ އަވަސް އަވަހަށް ޝާރިފް އަށް ބުންޏެވެ.
"މިދަނީ."ޝާރިފް ފަސްއެނބުރި ދުއްވައިގަތެވެ.
"ދަރިފުޅާ ޝާފީ، ދޭ ދޮންތަ ގޮވައިގެން އަންނަން، ޞޯއިގާގެ ގެޔަށް ގޮސްވީ."ޒަރީނާ ޝާފީ އަށް ބުންޏެވެ. ޝާފީ ވެސް އަވަސް ވެގަތީ އޭނަގެ ދައްތަ ބަލާ ޞޯއިގާގެ ގެޔަށް ދާށެވެ.
ރިޒާ މަޑުމަޑުން މުނީރާގެ ބޮލުގައި ފިރުމާލިއެވެ. އޭރު ވެސް މުނީރާގެ ލޯ އޮތީ މެރިފައެވެ. ރިޒާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.
"އަހަރެންނަށް މާ ހަރުކަށިކޮށްތަ ބުނެވުނީ؟"ރިޒާ ޒަރީނާ އަށް ބަލާލަމުން އަހާލިއެވެ. ޒަރީނާ އެނދުގެ މަގަތުން އިށީންނަމުން މުނީރާގެ އަތުގައި ފިރުމާލިއެވެ.
"އާން... އެހެންނާ މުނީރާ އާއި ވާހަކަ ދައްކާ ރާގަށް ވުރެން ބާރު."ޒަރީނާ ހިމޭން ރާގެއްގައި ބުންޏެވެ.
"ހުންނަނީ ރުޅިނާންނަންނަ، އެކަމަކު ވިޔަފާރީގެ ކަންތަކާ އެކު ޝިފްނާގެ ބަދަލުވަމުންދާ މިޒާޖު ފެނުނީމައި ބުނެވުނީ، އަހަރެން ބޭނުމެއް ނޫން މުނީރާގެ ހިތުގައި ޖެހޭ ވަރުގެ ކަމެއް ކުރާކަށް."ރިޒާ ގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ.
އިރުތަކެއް ނުވަނީސް ޝަމްސިއްޔާ ގޮވައިގެން ޝާރިފް އައިސް ވަނެވެ. ޝަމްސިއްޔާ އަކީ އުމަރު ރިޒާގެ އާއިލީ ޑޮކްޓަރެވެ. ޝަމްސިއްޔާ ފެނުމުން އުމަރު ރިޒާ އާއި ޒަރީނާ އެނދުގެ ދެފަރާތުން ދުރަށް ޖެހިލިއެވެ. ޝާރިފް ބޭރަށް ނިކުތެވެ. ޝަމްސިއްޔާ އޭނަގެ ޑޮކްޓަރީ ފޮށި ހުޅުވާލުމަށްފަހު ކަށިގަނޑު ނަގައި މުނީރާގެ މޭގައި ޖައްސާލިއެވެ. އިރުކޮޅަކު ކަށިގަނޑު އަޅައިގެން ބެލުމަށްފަހު އަތުގައި ހިފާ ވިންދު ބަލަމުން ދިޔައެވެ. ޝަމްސިއްޔާގެ މޫނުމަތިން ކަނބޮޑުވުން ފާޅުވެގެން ދިޔައެވެ. ޝަމްސިއްޔާ ރިޒާ އަށް ބަލާލިއެވެ.
"އަޅުގަނޑު ރިޒާ އާއި އެކަނި ވާހަކަ ދައްކާލަން ބޭނުން."ޝަމްސިއްޔާ ރިޒާ އަށް ބުންޏެވެ. އެވަގުތު ދުވެފައިކަހަލަ ގޮތަކަށް އައިސް ޝިފްނާ ވެސް އެތެރެއަށް ވަނެވެ. ފަހަތުން ޝާފީ ވެސް ވަނެވެ. ޝިފްނާ އަށް އޭނަގެ މަންމަ އޮތް އެނދާ ހަމައަށް ނުދެވެނީސް ޒަރީނާ ޝިފްނާގެ އަތުގައި ހިފާލިއެވެ.
"ދަރިފުޅާ މިވަގުތަކު ނޫން، އިހަށް ބޭރަށް ހިނގާ."ޒަރީނާ ލޯތްބާއި އޯގާތެރި ކަމާއި އެކީގައި ބުންޏެވެ. ޝިފްނާ ފެންކަޅިވެފައިވާ ދެލޮލުން ޒަރީނާ އަށް ބަލާލިއެވެ.
"އެކަމަކު ކުޑަމަންމާ."ޝިފްނާ އެއްޗެއް ބުނަން އުޅުނެވެ.
"އިހަށް ހިނގާ."ޒަރީނާ ޝިފްނާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. ޒަރީނާގެ ފަހަތުން ޝާފީ ވެސް ބޭރަށް ނިކުތެވެ. އަދި ކޮޓަރި ދޮރުލައްޕާލިއެވެ. ސިޓިން ރޫމު ގޮނޑިގައި ޒަރީނާ ޝިފްނާ ބޭންދިއެވެ. ޝިފްނާ ގެ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ހާސްކަމާއި ކަންބޮޑުވުމާއި އެކީގައި ޝިފްނާ އަށް އޭނަގެ ކަނާތުގެ ބޮޅުވާއިނގިލީގެ ނިޔަފަތިގަނޑުގައި ދަތް އަޅާލެވުނެވެ. ޒަރީނާ އޭރުވެސް އިނީ ޝިފްނާގެ އާއި ޖެހިގެން ބުރަކަށިގައި ފިރުމާލަ ފިރުމާލައެވެ. ޝާފީ އާއި ޝާރިފް ވެސް އައިސް މަޑުކޮށްލިއެވެ. ޝާރިފް ޒަރީނާ އިންފަޅި ނޫން އަނެއްފަޅީގައި ޝިފްނާ އާއި ޖެހިގެން އިށީނެވެ. ޝާފީ ޒަރީނާގެ ކައިރީގައި އިށީނދެ ޒަރީނާގެ ކޮނޑުގައި ބޯޖައްސާލިއެވެ.
"މަންމާ، ބޮޑު މަންމަ ރަނގަޅު ވާނެތަ؟"މަޑުމަޑުން ޝާފީ އަހާލިއެވެ.
"އިންޝާﷲ... ބޮޑުމަންމަ އަށް އެއްވެސް ކަމެއް ނުވާނެ."ޒަރީނާ ހިމޭން ރާގެއްގައި ބުންޏެވެ. އޭރު ޒަރީނާގެ ލޮލަށް ވެސް ކަރުނަ ޖަމާވަމުން ދިޔައެވެ. ޝިފްނާ ވެސް މަޑުމަޑުން ޒަރީނާ ކޮނޑުގައި ބޯޖައްސާލިއެވެ.
"ހިތްވަރުކުރޭ ދަރިފުޅާ، މިއީ ވެސް އިމްތިހާނެއް."މަޑުމަޑުން ޒަރީނާ ޝިފްނާ އަށް ބުންޏެވެ.
20 ސަކަށް މިނިޓް ފަހުން ކޮޓަރި ދޮރުހުޅުވުނެެވެ. ޝަމްސިއްޔާ ބޭރަށް ނިކުތެވެ. ފަހަތުން އުމަރު ރިޒާ ޝަމްސިއްޔާގެ ފޮށި ހިފައިގެން ބޭރަށް ނިކުތެވެ. ޝަމްސިއްޔާ ދިއުމުން ޝިފްނާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު މުނީރާ ލޯހުޅުވާލައިގެން އޮތެވެ. ޝިފްނާ ދުވެފައި ގޮސް އެނދު މައްޗަށް އަރާ އޭނަގެ މަންމަގެ ގައިގައި ބައްދާލިއެވެ. މުނީރާ ވެސް ލޯތްބާތް އޯގާތެރިކަމާއި އެކީގައި ޝިފްނާގެ ބޮލުގައި ފިރުމާލިއެވެ. ޝާރިފް އާއި ޝާފީ ވެސް އެނދުގެ އަނެއްފަރާތުން މުނީރާގެ ކައިރީގައި އިށީނެވެ. މުނީރާ އެދެކުދިންގެ ބޮލުގައި ފިރުމާލިއެވެ. ޒަރީނާ އާއި އުމަރު ރިރާ އެތެރެއަށް ވަނެވެ.
"ދެން މަންމަ އަށް އުދަގޫނުކޮށް ތިކުދިން ބޭރަށް ނިކުމޭ، މަންމަ އަށް އަރާމުކުރަން އެނގީ."އުމަރު ރިޒާ ކުދިވެރިންނަށް ބުންޏެވެ. ބައްޕަގެ ބަސް އަހައި 3 ކުދިން ވެސް ބޭރަށް ނިކުތެވެ. ޒަރީނާ މުނީރާގެ މަގަތުން އިށީނެވެ. އުމަރު ރިޒާ ވެސް އައިސް އެނދުގެ އަނެއްފަރާތުން މުނީރާގެ މަގަތުން އިށީނެވެ.
"އެއްވެސް ވަރަކަށް ވިސްނާގެންނުވަނެ، އަމިއްލަ ހަށިގަނޑަށް ކުރިޔަށް ވުރެން ވެސް ބޮޑަށް ބަލާގެން އުޅެންވާނީ، އަހަރެން ބޭނުމެއް ނޫން، މުނީރާ އަށް އެއްވެސް ކަމެއްވާކަށް، އަދި އަހަރުމެންގެ ކުދިންނަށް ވެސް."އުމަރު ރިޒާ އޯގާތެރި ރާގެއްގައި ބުންޏެވެ.
މުނީރާ ޒަރީނާ އަށް ބަލާލިއެވެ. ޒަރީނާ ގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. އުމަރު ރިޒާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. ދެންމެ ޝަމްސިއްޔާ ވިދާޅުވި ވާހަކަ ޒަރީނާ އާއި ހިއްސާކުރިއެވެ. އަދި މުނީރާ އަށް ވެސް އެވާހަކަ އެންގުން މުހިއްމުވީމަ އެވާހަކަ މުނީރާ އަށް ވެސް އެނގިއެވެ. ކުރިޔަށްވުރެން ބޮޑަށް މުނީރާގެ ހަށިގަނޑަށް ބަލެމަށް އުމަރު ރިޒާ ޒަރީނާ އަށް އެނގިއެވެ.
ޗެޕްޓާރ: 14
ޗުއްޓީ ހަމަވަނީ.
ގޮނޑުދޮށުގެ ރާޅުޖެހޭ ނުޖެހޭ ހިސާބުން ހިނގާލާފައި ޝާހިލް އާއި ޝިފްނާ ވާހަކަ ދައްކަމުން އައެވެ. މިއަދު ގޭތެރޭގައި ހިނގާ ދިޔަ ހާދިސާ ތަފްސީލްކޮށް ޝާހިލް އަށް ކިޔާދެމުން ޝިފްނާ ދިޔައެވެ. ޝިފްނާގެ އަތާ އަތް ޖޯޑުކޮށްލަމުން ޝާހިލް ހުއްޓިލިއެވެ.
"މަންމަ ވީ ގޮތެއް ނޭނގޭތަ؟"ޝާހިލް ހުއްޓިލަމުން އަހާލިއެވެ.
"އާން، ބައްޕަ އާއި ކުޑަމަންމަ މަންމަ އަށް އެނގޭނީ."ޝިފްނާ މަޑުމަޑުން ބުންޏެވެ.
"އާން.. އަދި އެއްވާހަކަ، އަހަރެންގެ ޗުއްޓީ ހަމަވަނީ."ޝިފްނާ ޝާހިލްގެ މޫނަށް ބަލާލަމުން ބުންޏެވެ.
"ހޫން... އެނގޭ، ޝިފްނާ ފުރާއިރު އަހަރެން ވެސް ނުހުންނާނެ މާލެ އަކު."ޝާހިލް ބުންޏެވެ.
"މާލެ އަކު ނުހުންނާނޭ ކޮންތާކަށް ދަނީ؟"ޝިފްނާ ޙައިރާން ވޭފައިވާ ރާގެއްގައި އަހާލިއެވެ.
"ބޫޓާނަށް."ޝާހިލް ބުންޏެވެ.
"ބޫޓާނަށް ކީއްކުރަން؟"ޝިފްނާ އަހާލިއެވެ.
"ބޫޓާން ގަ ބާއްވާ ފުޓްބޯޅަށް މުބާރާތަށް ދާންޖެހެނީ."މާޔޫސް ރާގެއްގައި ޝާހިލް ބުންޏެވެ.
ދެމީހުން ދޭތެރެއަށް އަނެއްކާ ވެސް ހިމޭންކަން ވެރިވިއެވެ. ދެމީހުން އިތުރު ވާހަކަ އެއް ނުދައްކާ މަޑުމަޑުން ކުރިޔަށް ހިނގާލާފައި ދިޔައެވެ. މިހަމަހިމޭން މާހައުލު ގައި ދެމީހުން ކުރިޔަށް ދިޔައީ މުސްތަގްބަލްގައި ދުވަސްކޮޅަކަށް ނަމަވެސް ވަކިވާން ޖެހޭތީ އެކަމާ ފިކުރުކުރަމުން ނެވެ.
"ވަރަށް ލަސްވެއްޖެ، ހިނގާ ދާން..."ޝިފްނާ ހުއްޓިލަމުން ބުންޏެވެ. ޝާހިލް އޭނަގެ އަތުގައި އޮތް ގަޑިޔަށް ބަލާލިއެވެ. އަދި އެއްގަމާ ދިމާ އަށް ހިނގައިގަތެވެ. އޭރު އެއްގަމުން ބޮޑުތަކުރުފާން މަގުން މަދުންހެން ދުއްވާ އެއްޗެއް ހިދުއްވާފައި ދާމަންޒަރު ފެނެއެވެ. ޝާހިލް އެއްފަރާތުގައި ބައްހައްޓާފއި ހުރި ސައިކަލަށް އަރާ ހަމަޖެހުމުން ޝިފްނާ ޝާހިލްގެ ފަހަތަށް އަރާ ޝާހިލްގެ އުނގަނޑުގައި ހިނފަހައްޓާލިއެވެ.
"މިރޭ ވެސް ގެންދަންވީ ހަމަ ޞޯއިގާގެ ގެޔަށްތަ؟"ޝާހިލް ސުވާލު ކޮށްލިއެވެ.
"އާން..."ޝިފްނާ ބުންޏެވެ.
"ދެން ކޮންއިރަކުން ޝިފޫ އަހަރުމެންގެ ވާހަކަ ޝިފޫގެ ބައްޕަގެ ގާތުގައި ބުނާނީ؟"ޝާހިލް އިންގޮތައް އިނދެ އަހާލިއެވެ.
"ނޭނގެ، ބައްޕަ ނުގަބޫލުވެދާނެތީ ޖެހިލުންވަނީ."ޝިފްނާ ހިމޭން ރާގެއްގައި ބުންޏެވެ.
"ދެން ބައްޕަ ނުގަބޫލުވެއްޖެއްޔާ ކިހިނެއްހަދާނީ؟"ޝާހިލް ޝިފްނާގެ އަތުގައި ހިފާލަމުން ކުޑަކޮށް ޝާހިލްގެބޯ ޝިފްނާ އާއި ދިމާ އަށް އަނބުރާލަމުން އަހާލިއެވެ. ޝިފްނާ އަށް ދޭނެ ޖަވާބެއް ނޭނގުނުނެވެ. އިތުރަށް ޝިފްނާ ހާސްކުރުވަން ނުހަދާ ޝާހިލް ސައިކަލު އިސްޓާޓް ކޮށްލިއެވެ.
ޞޯއިގާގެ ގޭކައިރިޔަށް ސައިކަލު މަޑުކޮށްލުމުން ޝިފްނާ ނިކަން އަވަހަށް ސައިކަލު މަތިން ފުންމާލިއެވެ. މީހަކަށް ފެނިދާނެތީއެވެ. އަދި ހަލުވި ހިނގުމެއްގައި ޝިފްނާ ގޮސް ޞޯއިގާ ގެ ގެޔަށް ވަނެވެ. ޝާހިލް ސައިކަލު އެއްފަރާތެއްގައި ބެހެއްޓުމަށްފަހު މަގުގެ ދެފަރާތް މަބާލާފައި ޝާހިލް ވެސް އެގޭތެރެއަށް ވަނެވެ. އޭރު ޞޯއިގާ އާއި ފަޒީލް ހާމަ ފެންޑާގައި ވާހަކަ ދައްކަން ތިއްބެވެ. ޝިފްނާ ވެސް އެމީހުން ވާހަކަ ދައްކަން އިން މޭޒުދޮށުގައި އިށީންނަނީއެވެ.
"ކޮންތާކަށް ގޮސްސަ ދެމީހުން ތިއަންނަނީ؟"ފަޒީލް ޝާހިލް ފެނުމުން އަހާލިއެވެ.
"ދުއްވާލަން ގޮސްލާފައި."ޝާހިލް ވެސް ފަޒީލް އާއި ޖެހިގެން އިށީންނަމުން އަހާލިއެވެ.
"ޞޯއިގާ ކޮބާ ޝާހިލް މެންނަށް ފިނިބުއިމެއް ގެނެސްދޭންވީނުން."ފަޒީލް ހިނިތުން ވެލަމުން ބުންޏެވެ.
"ފަޒީލް، މިވަގުތަކު ނޫން، މިއައީ ހަމަ އެކަނި ޝިފްނާ މިގެޔަށް ލާން."ޝާހިލް އަވަސް އަވަހަށް ބުންޏެވެ.
"ދެން ތިގޮތައް ފިލާގެން އުޅޭނީ ކިހިނެއް؟ ތިދެމީހުން ރައްޓެހިވެގެން އުޅޭ ވާހަކަ ޝިފޫގެ ބައްޕަ ގެ ގާތުގައި ބުނަންވީނުން."ޞޯއިގާ ޝިފްނާ އަށް ބުންޏެވެ.
"ނުކެރޭނެ، ހިތްހަމައެއް ނުޖެހޭނެ."ޝިފްނާ އޭނަގެ މޭގައި އަތް ޖައްސާލަމުން މަޑުމަޑުން ބުންޏެވެ. ޝާހިލް ޝިފްނާގެ އަތުގައި ހިފާލިއެވެ.
"ހަމަޖެހޭ، ޝިފޫ ގެ ކޯސް ނިމެންދެކަށް އަހަރެން އިންތިޒާރު ކުރާނަން، އޭރުން ދެމީހުން އެއްކޮށް ގޮސް ބައްޕަ އާއި މިވާހަކަ ދައްކާނީ."ޝާހިލް ޝިފްނާ އަށް ބަލާލަމުން މަޑުމަޑުން ބުންޏެވެ.
އިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު ޝިފްނާ އޭނަގެ ގެޔަށްދާން އެގޭން ނިކުތެވެ. ޝާހިލް އިރުކޮޅަކު އެމީހުންނާ ވާހަކަ ދައްކާލަން މަޑުކުރީއެވެ.
"ލުހާމް އުޅުނު ޑޮލަރ ކޮޅެއް ނުލިބިގެން، އެވާހަކަ ޝާހިލް އާއި ދެއްކިތަ؟"ފަޒީލް އަހާލިއެވެ.
"ނޫން، 2 ދުވަސް ވެއްޖެ ދިމާނުވާތާ."ޝާހިލް ބުންޏެވެ.
"ކިހިނެއް ޝާހިލް ޑޮލަރު ހޯދަނީ؟"ފަޒީލް އަހާލިއެވެ.
"ބައްޕަގެ ގާތުގަ ބުނަން ޖެހޭނީ."ޝާހިލް ބުންޏެވެ.
"މަށަށްވެސް 5ސަތޭކަ ވަރު ލިބޭތޯ ބަލާދެއްޗޭ، މިކޮޅުން މަވެސް ބަލާނަން."ފަޒީލް ބުންޏެވެ.
"ބަލާނަން، ދެން އިހަށް ގޮސްލީ."ޝާހިލް ތެދުވަމުން ބުންޏެވެ.
ޗެޕްޓާރ: 15
ޖަންބުރޯލުގަސް ކަނޑާލާނަން.
ޝިފްނާ ފުރާ ދުވަސް ކައިރިވާ ވަރަކަށް ޝާހިލް ވެސް އައީ ކަންބޮޑުވަމުން ނެވެ. އެހާ ދިގުމުއްދަތަކަށް ޝިފްނާ އާއި ވަކިވާން ޖެހޭތީއެވެ. މިހާރު ޝިފްނާ އާއި ވަކިން ސިކުންތެއް ހޭދަކުރުމަކީ ވެސް ޝާހިލް އަށް ދަތިކަމަކަށް ވަނީ ވެފައެވެ. އޭނަޔާ ޝިފްނާގެ ގުޅުމުގެ ވާހަކަ އެނގެނީ ހަމައެކަނި މަދު އެކުވެރިން ކޮޅަކަށެވެ. ދެއާއިލާގެ އެއް ވެސް މީހަކަށް އެދެމީހުންގެ ގުޅުމުގެ ވާހަކަ އެއް ނޭނގޭނެއެވެ.
ޝާހިލް މެންގެ ޓީމު ބޫޓާނަށް ފުރާތީ އެކަމުގެ އުފާފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ކެއުމެއް މިރޭ ތާޖުއްދީން ސްކޫލްގެ ހޯލްގައި އޮތެވެ. އެތަނަށް ޝާހިލް މިރޭ ބޭނުންވީ ޝިފްނާ ވެސް ގޮވައިގެން ދާށެވެ. ފުރަތަމަ ފަހަރަށް އޭނަގެ އެހެން އެކުވެރިންނަށް ޝިފްނާ ތައާރަފްކުރަން ޝާހިލް ބޭނުންވިއެވެ. އެހެން ކަމުން ޞޯއިގާގެ ގެއިން ޝިފްނާ އާއި އެކީގައި ޝާހިލް ތާޖުއްދީންސްކޫލަށް ދާން ނިކުތެވެ. ދެފަރާތް ބަލާލަމުން ޝީފްނާ ޝާހިލްގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ.
"ޝާހިލް ޑޮލަރުކޮޅު ހިފާގެން ދައްޗޭ."ފަޒީލް ނިކުންނަމުން ބުންޏެވެ. ޞޯއިގާ ވެސް ފަޒީލް އާއި އެކީގައި އެދައުވަތަށް ދާން ބޭރަށް ނިކުތެވެ.
"މާދަން އަހަރެން ދަމުން ވެސް ގެންދެވިދާނެ، އޯކޭ ވާނެއެއްނުން."ޝާހިލް ބުންޏެވެ.
"އާން، ރަނގަޅުވާނެދޯ."ފަޒީލް ވެސް ސައިކަލަށް އަރަމުން ބުންޏެވެ. އެވަގުތު ޞޯއިގާގެ ގޭ ދޮރުހުޅުވާލާފައި ޞޯއިގާގެ ކޮއްކޮ ސާއިމް ބޭރަށް ނިކުތެވެ.
"ދޮންތާ ދޮންތަބެއަށް ފޯނެއް."ސާއިމް ބުންޏެވެ.
"މިވަގުތު ކާކު؟ ޝާހިލް އަދި މަޑުކޮށްލައްޗޭ."ފަޒީލް އެތެރެއަށް ވަންނަމުން ބުންޏެވެ. ފަޒީލް އެހެން ބުނުމުން ޝާހިލް ސައިކަލުގެ އިންޖީނު ނިވާލިއެވެ. ޝާހިލްގެ ފަހަތުގައި އިން ޝިފްނާ އިނީ މީހަކަށް ފެނިދާނެތީ ޖެހިލުން ވެފައެވެ. އިރުކޮޅެއް ނުވަނީސް ފަޒީލް ބޭރަށް ނިކުތެވެ.
"ކޯޗް އެގުޅީ، މިރޭ އަންނަމުން ޖޯޒީތަށް ގެންނާށޯ، ޝާހިލް އަށް ގުޅިވާހަކަ ބުނި، ތިގޭން ފޯނު ނުނެގީމައި މަށައް އެގުޅީ."ފަޒީލް ސައިކަލަށް އަރަމުން ބުންޏެވެ.
"އޯކޭ، މަގެޔަށް ވަދެފައި އެހިފާގެން މިދަނީ ތިމީހުން ދޭ އެދިމާލަށް."ޝާހިލް ސައިކަލް އިސްޓާޓް ކޮށްލަމުން ބުންޏެވެ.
ޝާހިލް އޭނަގެ ގެއާއި ދިމާ އަށް ސައިކަލު ދުއްވަމުން ދިޔައެވެ. ޝާހިލްގެ ގޭކައިރިޔަށް އާދެވުމުން ސައިކަލު މަޑުކޮށްލިއެވެ. ސައިކަލް މަޑުކޮށްލުމުން ޝިފްނާ ވެސް ސައިކަލުން ފޭބިއެވެ.
"އަހަރެން މަޑުކޮށްލާނަން."ޝިފްނާ ބުންޏެވެ.
"އެތެރެއަކަށް ނުވަންނާނަންތަ؟"ޝާހިލް އަހާލިއެވެ.
"ކުއްލިޔަކަށް ކިހިނެއް؟ ޝާހިލްގެ މަންމަމެން ހިތަށް އަރާނީ ކީކޭ؟"ޝިފްނާ ޖެހިލުންވެފައިވާ ރާގަކަށް ބުންޏެވެ.
"ބިރުނުގަނޭ، މަންމަ ވީ ޑިއުޓީގައި، ބައްޕަ މާލެ އަކު ނެތް، ގޭގައި މިވަގުތު އުޅޭނީ ހަމައެކަނި ބޮޑުދާތަ."ޝާހިލް ބުންޏެވެ.
"އެހެން ވިޔަސް ނުކެރޭނެ."ޝިފްނާ ކަންބޮޑުވެފައިވާ ރާގަކަށް ބުންޏެވެ.
"އޯކޭ، ގަދަކަމަކުން ނުވައްދާނަން، އަހަރެން ވެސް ބޭނުންވަނީ ފުރަތަމަ ފަހަރަށް ޝިފްނާ މިގެޔަށް ވަންނަން މަންމަމެން ތިއްބާ، އެމީހުންނާ ބައްދަލު ކުރަން." ޝާހިލް ހިނިތުން ވެލަމުން ބުންޏެވެ. ޝާހިލް އަށް ގޭ ދޮރޯށި ހުޅުވާ ނުލެވިގެން އުޅެނިކޮށް ޝިފްނާ ގެ އަޑު އިވުނެވެ.
"އައްޗީޑި."ޝިފްނާ އަށް ބުނެވުނެވެ. ޝާހިލް ފަސް އެނބުރި ބަލާލިއެވެ. އެވަގުތު ޝާހިލްގެ އަތަށް ވެސް ތެތްކަމެއް އިޙްސާސްވިއެވެ.
"ކިހިނެއްވީ؟"ޝާހިލް އެނބުރިލަމުން އަހާލިއެވެ.
"އަހަރެންގެ ބޮލަށް އެއްޗެއް އެޅިއްޖެ."ޝިފްނާ އަތުން ބޮލުގައި އަތް ޖައްސާލަމުން ވަސްބަލާލިއެވެ. އެއާއި އެކީގައި އޯކަށް ދެމިލިއެވެ. ޝާހިލް ވެސް ޝިފްނާ ގެ ކައިރިޔަށް މަޑުކޮށްލަމުން ބޮލުން ވަސްބަލާލިއެވެ. ޝާހިލް ވެސް އޯކަށް ދެމިލިއެވެ. އަދި މައްޗަށް ބަލާލިއެވެ. އޭރު އެގޭ ޖަބްރޯލް ގަހުގައި އެލިގެން ތިބި ވާތައް ފެނުނެވެ.
"ދެރަކަމެއް، ވާ..."ޝާހިލް އަނގަޔަށް ގޮތެއް ހަދާލިއެވެ. ޝިފްނާ އިސް އުފުލާ ބަލާލިއެވެ.
"އައްޗީޑި، ޝާހިލް އަހަރެން ގެޔަށް ދާނީ، މިހެން ހުރެ އަހަރެން ޕާޓީއަކަށް ނުދާނަން."ޝިފްނާ ކުސްޖަހާލިއެވެ.
"ކިހިނެއް ގެޔަށް ވެސް ދާނީ، މުޅިގާގަ ތިއޮތީ ވާލުގުއި."ޝާހިލް ސަމާސާ ރާގަކަށް ބުންޏެވެ.
"ދެން ޝާހިލް، ހެޔޮ ތިގެޔަށް ވިޔަސް، އަހަރެން ބޭނުންވަނީ ފާޙާނާ އަށް ވަންނަން."ޝިފްނާ އަށް ރޮވޭ ގޮތް ވިއެވެ.
"އޯކޭ ހިނގާ."ޝާހިލް ގެ ސަމާސާ ގޮތް ކަނޑުވާލަމުން ބުންޏެވެ. ޝިފްނާ ޝާހިލްގެ ފަހަތުން ހިނގައިގަތެވެ.
އަދި ނުނިމޭ
ކޮމެންޓް