ބަރަހަނާ ފޮޓޯ ހިއްސާކުރި ޓެލެގްރާމް ޗެނަލްތަކުގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ:މިހާރު

ދިވެހިންނާއި ބޭރު މީހުން ހިމެނޭ ގޮތަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަމުންގެންދިޔަ ނުވަ ޓެލެގްރާމް ޗެނަލްތަކަށް ވަދެ ތިބި މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުންގެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓަރު، ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ސަލީމް ވިދާޅުވީ އެ ޗެނަލްތަކަށް ވަދެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަން އިންސްޕެކްޓް އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ގާނޫނީ އޮނިގަނޑެއް އެބައޮތް ކަމަށެވެ. "އަޅުގަނޑުމެން އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނަން އެފަދަ ފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާކަށް. މި މައްސަލައިގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ސަބްސްކްރައިބްކޮށްފައި ތިބި ފަރާތްތައް ވެސް މިއާ ގުޅިގެން އިތުރު ފަރާތްތަކާ ޝެއާކޮށްފައި ތިބި ފަރާތްތައް، ފޮޓޯ ހޯދުމަށްޓަކައި މަސައްކަތްކުރި ފަރާތްތަކަށް ވެސް ފިޔަވަޅުތައް ގާނޫނީ ހަމަތަކުގެ މަތިން އަޅާނަން،" އަޒީފް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ޒުބައިރު އަލީ (45، ބަހާރުގެ/އދ. މަހިބަދޫ)، ނާސިފް އަލީ (46، މާލޭ ދަފްތަރު ނަމްބަރު ރސ14751) އަދި އިސްމާއިލް ޒަބީހް (29، ސިލިންކޯ/ކ. ކާށިދޫ) އެވެ.

ފުލުހުން ކުރިން ހާމަކުރި މަޢުލޫމާތުގެ ދަށުން، މި ޗެނަލްތަކަށް ފައިސާ ދައްކައިގެން 34،680 މީހުން ވަދެފައިވާ ކަމަށާއި، ޗެނަލަށް ވަންނަ ފީގެ ގޮތުގައި 2 މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް، އެ ނުވަ ޗެނަލާއި އެހެނިހެން ޗެނަލްތައް ވެސް ހިމެނޭ ގޮތަށް 43 ޗެނަލް ހިންގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަޒީފް ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހެޅީޅީ އެ ޗެނަލުގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދަރުއުވި މީހެކެވެ. ތަހުގީގުން އެނގުނު ގޮތުގައި 'ދި ލީކްސް' ކިޔާ ޗެނަލެއްގައި 535 މީހުން ވަދެ ތިބި ކަމަށާއި، އެ ޗެނަލުގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯ އާއި 2400 ވީޑިއޯ ޕޯސްޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މަންޒަރުތަކާއި އެ ކުދިންގެ ވަނަވަރު ވެސް ހާމަކޮށްފައިވާ ކަމަށް އަޒީފް ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގުން އިތުރު ތަފްސީލުތައް ހާމަވެފައިވެއެވެ. ޒަބީހްގެ ފޯނުން މައްސަލަ ހުށަހެޅި ފަރާތުގެ ފޮޓޯތަކާއި ވީޑިއޯތަކުގެ އިތުރުން، އިންޒާރުގެ މެސެޖްތަކާއި ފައިސާގެ މުޢާމަލާތްތައް ފެނިފައިވެއެވެ. ނާސިފްގެ ފޯނުންވެސް ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ އަދި މާލީ ބަޔާންތަކުގެ މައްސަލަ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ނާސިފް އެ ޗެނަލްތައް ހިންގައި އެހެން ބަޔަކާ ގުޅިގެން ފައިސާގެ އަސްލު ގެއްލުވާލަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެވެއެވެ.

ޒުބައިރުގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯގެ އިތުރުން އެހެން މީހުންގެ ބަރަހަނާ މަންޒަރުތައްވެސް ފެނިފައިވެއެވެ. އޭނާ މި މަޢުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި، ކުޑަކުދިންގެ މަޢުލޫމާތު ހޯދަނީ އަމިއްލަ ޝައުޤުވެރިކަމަށް ކަމަށްވެސް ތަހުގީގަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 14 އިލެކްޓްރޯނިކް ޑިވައިސްއާއި، 571 ޓެލެގްރާމް ޗެނަލް، 27 ގޫގުލް އެކައުންޓް، 26 ފޭސްބުކް އެކައުންޓް، 3 ވަޓްސްއެޕް އެކައުންޓް، 3 ވައިބާ އެކައުންޓް އަދި 30 ކްލައުޑް ސްޓޯރޭޖް އެކައުންޓް ފުލުހުން ހިފަހައްޓާފައިވެއެވެ.

ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެއެވެ. މިފަދަ މައްސަލަތައް ކުރިންވެސް ފެންމަތިވެފައިވާ ކަމަށާއި، އޭރުވެސް ގިނަ އަދަދެއްގެ ޗެނަލްތައް ހިފަހައްޓައި، ޝައްކުކުރެވޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، މި ފަދަ އަމަލުތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. މި މައްސަލައިގެ ތަހުގީގު ނިމުމުން އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy