ރާއްޖެއާއި އިންޑިއާ އާ ދެމެދު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއެވެ.
މި ރަސްމިއްޔާތުގައި އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށުގައި ކަސްރަތު ކުރުމުގެ ވަސީލަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފުޅާކުރުމަކީ، ހަމަހަމަކަމާއެކު ތަރައްގީ ފޯރުކޮށްދިނުމަށާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތްވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިއަހަރުގެ ޖުލައި މަހު 42 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ސާމާނު ހޯދުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވި، އަމަލީ މަސައްކަތްތައް ހިނގަމުންދާއިރު، މިއަދު މިވަނީ އިތުރު ތިން ރަށެއް މި މަޝްރޫއުގެ ތެރޭގައި ހިމަނާފަ އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ 'މޯލްޑިވްސް ފަސްޓް' ހާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮންނަ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމީ އިސްކަންދޭ ކަންކަމުގައި ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރަނިވި ނަތީޖާތަކެއް ހާސިލުވަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ރާފިއުގެ ވާހަކަފުޅުގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެ ވަޒީރުންވެސްވަނީ އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް ބޮޑެތި އެދެވޭ ބަދަލުތަކެއް ގެނުވާ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް