އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
މިއީ މި އަހަރަށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މި ބަޖެޓު ބިނާކޮށްފައިވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރެވޭނެ ގޮތަށެވެ.
ހުށަހެޅުނު ބަޖެޓުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، މީގެ ތެރޭގައި ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެ އެވެ.
އަދި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޓަކައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އަންނަ އަހަރު ރެވެނިއުގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޫކުރާ ލޯނު ސްކީމްތަކުގެ އިކުއިޓީއަށް 750 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތައުލީމީ ދާއިރާއިން ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީއަށް 651 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.
ބަޖެޓް ހުށަހެޅުއްވުމަށްފަހު ފިނޭސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ މި ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވަރު ހާސިލުކުރުމުގެ ބިންގާ ކަމަށެވެ.
މިއީ މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ދަމަހައްޓައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް