ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް ހަމަޖައްސައިފި އެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ބޭއްވޭ "ވަރަ އެކްސްޕޯ 2026"ގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނާ އަދި މެއިން ސްޕޮންސަރެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ސަން ސިޔާމް ރިސޯޓްސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ގްރޫޕް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޒުލައިހާ މަނިކެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
މި އެއްބަސްވުމުގެ ދަށުން ސަން ސިޔާމުން ދޭ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ސަން ސިޔާމަށް ވަނީ ހާއްސަ އިމްތިޔާޒުތަކަކާއި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ހަމަޖެހިފަ އެވެ.
އެގޮތުން އެކްސްޕޯގެ ހުރިހާ ޑިޖިޓަލް ކެމްޕޭންތަކުގައްޔާއި، މިނިސްޓްރީގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސަން ސިޔާމަކީ މައި ސްޕޮންސަރުގެ ގޮތުގައި އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"ވަރަ އެކްސްޕޯ 2026" އަންނަ ނޮވެންބަރު މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮމެންޓް