އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން ހަތްދިހަ އިންސައްތަ މަޝްރޫއު ނިންމައި ރައްޔިތުންނާ ހަވާލުކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަޖެޓު މި މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި މި ބަޖެޓު އެކުލަވާލެވިފައިވަނީ އާންމު ހިދުމަތްތަކަށް އިސްކަންދީގެން ކަމަށާއި، ހާއްސަކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އިޖުތިމާޢީ މުހިންމު ހިދުމަތްތަކުގެ މަޝްރޫއުތައް ނިންމުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔަގީންކަން ދެއްވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް އުފުލަން ދަތި ދަރަންޏެއް ނާންނާނެ ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއު ހިމެނޭހެން ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ރޭވިފައިވަނީ ކުރިމަގުގައި ލިބޭނެ އާމްދަނީއަށް ބިނާކޮށް، ދަޢުލަތުގެ ބަޖެޓަށް ބުރަނުވާނެހެން އަދި އިތުރަށް ލޯނު ނަގަން ނުޖެހޭނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަރަދުތައް ކޮންޓްރޯލްކުރުމާއި، ބަޖެޓުގެ ޑެފިސިޓާއި ގައުމީ ދަރަނި ކުޑަކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރެވޭނެ އާ ދޮރުތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކާއެކު، މާލީ ގޮތުން ހަރުދަނާ އުސޫލުތަކެއް ހިފެހެއްޓުމަށް ސަރުކާރުން އިސްކަމެއްދޭ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ އިގްތިސާދު ހަމަމަގަށް އަޅުވައި، މާލީ ކާރިސާއަކުން ގައުމު ސަލާމަތްކުރުން ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ކުރީކޮޅާ އަޅާބަލާއިރު ރާއްޖޭގެ ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް