ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ، ތުރުކީގެ ރައީސް އުރްދުގާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
މިމުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށާއި މިއީ އެގައުމުގެ ސިޔާދަތާއި، ތަރައްގީ އާއި ގައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ގަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަ ކުރެވޭ މުނާސަބަތު ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި، އެއީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާކަމެއް ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ނޮވެމްބަރުގައި އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 31 ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ތައްޔިބު އުރްދުގާނާއި ބައްދަލުވެވަޑައިގެން، އެ ބައްދަލުވުމުގައި ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަ ކުރެވޭނެ ކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.
ކޮމެންޓް