ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުގެ ޒާތީ މައުލޫމާތަކީ ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މީކާއީލް ކުރެއްވި ސުވާލުގައި ވަނީ އެޕްރީލް 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނިޔާވި ދަރިވަރަކު ފުލުހުންގެ ވިކްޓިމް ސަޕޯޓް ސާވިސްއާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މެސެޖުތައް ހާމަ ކުރުމުގެ ގާނޫނީ އިހުތިޔާރު ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފަ އެވެ.
މި ސުވާލަށް ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމަށާއި ވަކިން ހާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކަކީ ވަކިން ބޮޑަށް ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއަކީ ކޮންމެ ރައްޔިތަކު އަބަދުމެ ހިދުމަތަކަށް އެދޭ ރައްޔިތުންނަށް 24 ގަޑިއިރު ހިދުމަތްދޭ މުއައްސަސާއެއް. ހާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކީ ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަ މުއައްސަސާއެއް. އެ ޔަގީންކަން ގެއްލުވާލަން އެ ދުވަހު ރޭވިގެން ހަރަކާތެއް އެ ގެންދިޔައީ. އަޅުގަނޑަށްވެސް ގާނޫނުން ވަކި ޒިންމާތަކެއް އެބަވޭ މަތިކޮށްފަ،" އިހުސާން ވިދާޅުވި އެވެ.
މިފަދަ ކޮންމެ ހާދިސާއެއްގެ ހެކީގެ މައުލޫމާތު ނުދީފި ނަމަ އެ މައުލޫމާތެއް އޮޅުވާލާކަމުގެ ތުހުމަތު ކުރާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޑޭޓާ ޕްރައިވަސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވީ އެ ގާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް