ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރްވާރު، މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވޭތުވެދިޔަ ތިން އަހަރު ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އެމްބެސެޑާ ސަރްވާރު ކޮށްދެއްވި އިހުލާސްތެރި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމަށް ޓަކައި ބާއްވާ އެކި ފަންތީގެ ބައްދަލުވުންތައް ހާއްސަކޮށް ފަންނީ މާހިރުންގެ ބައްދަލުވުންތަކާއި ހަރަކާތްތައް ރާއްވަވައި ހިންގަވާފައިވާތީ، އެކަން އިރުތިޝާމް ފާހަގަކުރެއްވި އެވެ.
އެކަމަނާގެ ވާހަފުޅުގައި ސަރަހައްދީ ޖަމިއްޔާގެ ގޮތުގައި ސާކު ދިރުވައި، ސާކުގެ އިސްވެރިންގެ ސަމިޓް ބޭއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީ، މެމްބަރު ގައުމުތަކުގެ މެދުގައި އިތުބާރު އުފައްދައި ސަރަހައްދީ އެއްބާރުލުން ވަރުގަދަ ކުރުމަށް ކުރެވޭ މަޝްވަރާ ތަކުގައި ބައިވެރިވެ ފުރިހަމަ އެއްބާރުލުން ރާއްޖެއިން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ބައްދަލުވުގައި ސާކުގެ ތެރެއިން ސަރަހައްދީ ހަރަކާތްތައް އަލުން ފެއްޓުމަށް ޓަކައި މެމްބަރު ގައުމުތަކުން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއް ވިއެވެ. މިގޮތުން ސާކުގެ ނިޒާމްގެ ތެރެއިން، އެއީ ސެކްރެޓޭރިއަޓް އާއި ރީޖަނަލް ސެންޓާ އަދި ސްޕެޝަލައިޒްޑް ބޮޑީޒް، ތަކުން ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތައް އަލުން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
މީގެ އިތުރުން، ސާކުގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނެސް، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރާ މައިގަނޑު މަންސައެއްގެ ގޮތުގައި އެ ޖަމިއްޔާގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ޓަކައި، މެމްބަރު ގައުމުތަކާ ގުޅިގެން ގާތްކޮށް މަސައްކަތް ކުރުމުގެ އަޒުމް ދެބޭފުޅުން އައު ކުރެއްވި އެވެ.
ކޮމެންޓް