ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.
މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ޕީޖީ އޮފީހުން ބުނީ ސަނީގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާއަކާއި ގާނޫލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާ ކަމަށެވެ. އެއީ މުޅިއެކު ފަސް ދައުވާ އެވެ.
އެގޮތުން ޕީޖީން ބުނީ އޭނާގެ މައްޗަށް ފުރަތަމަ ދައުވާ ކުރާ ސަބަބަކީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށެވެ.
މި ދައުވާގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ ވަނަ ދައުވާ ކުރާ ސަބަބަކީ ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އެވެ.
މި ދައުވާގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ތިން ވަނަ ދައުވާކުރާ ސަބަބަކީ ކުޑަ ކުއްޖެއްގެ އުމުރުން 9 ނުވަތަ 10 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އެވެ.
ދައުވާގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހަތަރު ދައުވާއަކީ ހުސައިން ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ގަރީނާ ހުރިކަމަށް ތުހުމަތު ކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލު ކުރުމަށް އަމުރުކޮށްފައިވަނިކޮށް، އޭނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ އެވެ.
މި ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ފަސްވަނަ ދައުވާކުރާ ސަބަބަކީ ހުސައިން ސަނީ އުމަރު ގެންގުޅުނު ކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭ ގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ އެވެ.
މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ ކަމަށެވެ. އެ ހާލަތުގައި އޭނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެ ކަމަށް ޕީޖިން ބުންޏެވެ.
އެ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން ސަނީ އުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށެވެ.
ކޮމެންޓް