ފ. ނިލަންދޫގައި ގާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީއާއި އެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ނިލަންދޫގައި ދަޅު މަސް ބަންދުކުރާ ކާރުހާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރުން 7 ހެކްޓަރުގެ ބިމެކެވެ.
މި މަޝްރޫއުގެ ދަށުން ގާއިމްކުރާ ކާރުހާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމައް ވަނީ ނިންމާފަ އެވެ.
ނިލަންދޫގެ އިތުރުން ގދ ފިޔޯރީގައި ވެސް ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.
ފިޔޯރީގައި ކުރިއަށް ގެންދާ މަޝްރޫއުގައި ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުހާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް