ވަޒީފާއާބެހޭ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ، މިމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި އިސްލާހު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލު ކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށް ޓަކައި ގާނޫނުގެ ދަށުން ދައްކަން ޖެހޭ ކޯޓާ ފީ މުރާޖައާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާ ކުރުމުގެ އުސޫލު ބަޔާން ކުރުމަށާއި، އެނޫން ވެސް ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގޔތައް ލިއްބައި ދޭ މޭރުމުން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމެވެ.
އެ ގޮތުން ގެނެވުނު އިސްލާތަކުގެ ތެރޭގައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަން ޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
އަދި، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފަ އެވެ.
މި ބިލު ތަސްދީގު ކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާ އެކު، މިހާރު ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާފަ އެވެ.
ކޮމެންޓް