ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކު، ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި މިވަގުތު އިސްކަން ދެނީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ކަމަށް ޕީއެސްއެމުން ބުނެފި އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ޕީއެސްއެމުން ގެނެސްދޭ ޕްރޮގްރާމްތަކުގައި ހަމަހަމަ ފުރުސަތު ނުދޭތީ، އެމްޑީޕީން މިއަދު ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު، އާ ބައްދަލުކުރަން މަސައްކަތް ކޮށްފަ އެވެ.
މި މައްސަލާގައި ޕީއެސްއެމްގެ އެމްޑީއާ ބައްދަލުކުރަން އެދި އެމްޑީޕީން ފޮނުވި ސިޓީއަށް ދިން ޖަވާބުގައި އެ ކުންފުނިން ބުނީ ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކީ މިފަދަ ކަމެއްގައި ފަންނީ އަދި އިޖުރާއީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކެއް ކަމަށެވެ.
"މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އިސްކަން ދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިހާތަނަށް މި ފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައެއް ނުވާނެ،" އެމްޑީޕީގެ ސިޓީއަށް ދިން ޖަވާބުގައިވެ އެވެ.
ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.
ކޮމެންޓް